މާޒިޔާ ބަލިކޮށް ޗެމްޕިއަންކަން ވެލެންސިއާއަށް

ކުޅިވަރު

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ކްލަބް ވެލެންސިއާއިން ޕްރެޒިޑެންޓްސް ކަޕް ޗެމްޕިއަންކަން ހޯދައިފިއެވެ.

އާދީއްތަ ދުވަހު ހަވީރު ރ. އަލިފުށީ ޓާފް ދަނޑުގައި ކުޅުނު ފައިނަލް މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެޗުގެ ވަރަށް ކުރީކޮޅު ވެލެންސިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. އަބްދުﷲ މިދުހަތު ފަޙްމީ (ބިޗަޑް) ނަގައިދިން ކޯނަރަކުން މި ލަނޑު ވެލެންސިއާއަށް ކާމިޔާބުކޮށްދިނީ ބިދޭސީ ޑިފެންޑަރު ޑަކްސަން ޕުސްލަސްއެވެ.

ވެލެންސިއާގެ މި ލަނޑާއެކު މާޒިޔާއިން ކުރިޔަށް ޖެހި ކުޅުނުއިރު، މެޗުގެ 40 ވަނަ މިނެޓުގައި މާޒިޔާގެ ކެޕްޓަން މުޙައްމަދު އިރުފާން (އިރޭ) ވަނީ ހިތްގައިމު ލަނޑެއް ޖަހާ މާޒިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި މާޒިޔާގެ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް އަށާއި، އިބްރާހީމް ވަހީދު ހަސަން (އިއްބެ)އަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި ހާފުގައި ވެލެންސިއާއިން މާޒިޔާގެ ގޯލާ ނުރައްކާކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. އެއީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ހިލޭ ޖެހެމަކުން ފޮނުވާލި ހަމަލާ އެކަންޏެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 ގެ ނަތީޖާއަކުން އެއްވަރު ވެފައިވުމުން އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފައެވެ.

މާޒިޔާއަށް މައްސަލަތަކަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 64 ވަނަ މިނެޓުގައި މާޒިޔާގެ ނާއިޒް ހަސަން ދާދު ވެލެންސިއާގެ ސެންޓޭއަށް ކުރި ފައުލަކާއި ގުޅިގެން ސީދާ ރަތް ކާޑު ދެއްކުމުންނެވެ.

ވެލެންސިއާއިން ލީޑު ނެގީ މެޗުގެ 104 ވަނަ މިނެޓުގައި ބިދޭސީ ފޯވާޑް ބޯހަސް މާޓިން ކާމިޔާބުކުރި ލަނޑުންނެވެ.

މި އަހަރުގެ މުބާރާތް ވެލެންސިއާއިން ކާމިޔާބުކުރި މި މުބާރާތް ވެލެންސިއާއިން ކާމިޔާބުކޮށްފައި މިވަނީ މެޗަކުން ބަލިނުވެއެވެ. މި ސީޒަނުގައި ވެލެންސިއާއިން ހަމައެކަނި ބަލިވެފައި ވަނީ ޗެރެޓީ ޝީލްޑް މެޗުން މާޒިޔާ އަތުން އެކަންޏެވެ. އެ މެޗު މާޒިޔާއިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ