ގޭގޭގެ ފާރުތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާ ޖަހަން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ގޮވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭނުގައި މިރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ފަލާހު ވިދާޅުވީ ގޭގޭގެ ފާރުތަކުގައި “އިންޑިއާ އައުޓް” ޖަހާތަން ފެންނަ ކަމަށާއި އެމްޑީޕީގެ މެމްބަރުންނަކީ ވެސް ފާރުތަކުގައި އެއްޗެހި ޖަހަން ދަންނަ ބައެއް ކަމަށެވެ.
އެގޮތުން ފާރުތަކުގައި އެމްޑީޕީއާ އެއްވަރަށް ތައްގަނޑު ޖެހުނު ބަޔަކު ނުތިބޭނެ ކަމަށާއި އެގޮތުން “ޔާމީން ޖަލަށްލާ” ޖަހަން ފަލާހު ވަނީ ގޮވާލާފަ އެވެ.
“އަޅުގަނޑުމެން ހިންގަވާ ނިކުމެ “ޔާމީން ޖަލަށްލާ” މި ބަހުރުވައިން ޖަހަން ހިންގަވާ. އެހެން ނޫނީއްޔާ މި ގައުމެއް ދެން ރަނގަޅު ވާކަށް ނެތް” ފަލާހު ވިދާޅުވި އެވެ.
ފަލާހު މިކަމަށް މިގޮވާލީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފަށާފައިވާ ކެމްޕޭނުގައި ގޭގޭގެ ފާރުތަކުގައި “އިންޑިއާ އައުޓް” ޖަހަން ޔާމީން ދާދިފަހުން ގޮވާލެއްވުމާ ގުޅިގެންނެވެ. އެ ގޮވާލެއްވުމާ އެއްގޮތަށް ބައެއް ރަށްތަކުގައި މިހާރު ވަނީ އެކަން ކުރަން ފަށާފަ އެވެ.


