އެމެރިކާ ސަރުކާރުން ރާއްޖެއަށް ފައިޒާ ވެކްސިންގެ އިތުރު ޝިޕްމެންޓެއް ހަދިޔާކޮށްފި އެވެ.
ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، އެމެރިކާއިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 210،600 ޑޯޒްގެ ފައިޒާ ވެކްސިނެވެ.
އެމެރިކާ އިން ވެކްސިން ހަދިޔާކޮށްފައިވާއިރު ރާއްޖޭގައި މިހާރު ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ބޫސްޓާ ޑޯޒު ޖެހުމުގެ މަސައްކަތް ފަށާފަ އެވެ. ރާއްޖޭގައި ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހަނީ ފައިޒާާ ވެކްސިން އެވެ. އެގޮތުން މިހާތަނަށް 62،000 އަށް ވުރެ ގިނަ މީހުން ވަނީ ބޫސްޓާ ޑޯޒު ޖަހާފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ސަރުކާރުން މިހާތަނަށް ރާއްޖެއަށް 5.4 މިލިއަން ޑޮލަރަށް ވުރެ ބޮޑު އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފަ އެވެ. އެގޮތުން ދެ މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާއި، އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ޕީ.ޕީ.އީ އާއި ޕީ.ސީ.އާރް މެޝިނާއި، ވެންޓިލޭޓަރުގެ އިތުރުން ބޭނުންވާ އެހެނިހެން މެޑިކަލް ސާމާނު ފޯރުކޮށްދީފައިވެއެވެ. އަދި އައި.އޭ.އީ.އޭ އާއި ޔުނިސެފް ފަދަ މަލްޓިލޭޓަރަލް އެޖެންސީތައް މެދުވެރިކޮށްވެސް އެހީ ފޯރުކޮށްދީފައިވެއެވެ.
ދުނިޔޭގެ އެކި ގައުމުތަކަށް 1.2 ބިލިއަން ޑޯޒް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއިން ވެފައިވާ ވައުދުގެ ދަށުން މިހާތަނަށް 286 މިލިއަން ވެކްސިން ވަނީ ފޯރުކޮށްދީފައެވެ. މިފަހުން އިއުލާނުކޮށްފައިވާ ގްލޯބަލް ވެކްސިން އެކްސެސް (ގްލޯބަލް ވެކްސް) ގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަށް 1.6 ބިލިއަން ޑޮލަރު އެމެރިކާއިން ވަނީ ހަމަޖައްސާފައެވެ.


