ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 52 ޕަސެންޓް ނިމިއްޖެއެވެ.
އެމްޓީސީސީން މިއަދު ބުނީ ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 52 ޕަސެންޓް ނިމިފައިވާކަމަށާއި އެއްގަމުތޮށި ލުމަށްޓަކައި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް 29 ޖެނުއަރީ 2022 ވަނަ ދުވަހު ނިމިފައިވާކަމަށެވެ.
މި މަޝްރޫއުގެ ދަށުން 53،522.50 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 31،575.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުމާއި، 355 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައި ވެއެވެ.
މީގެ އިތުރުން 270 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް އަދި 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން މި މަޝްރޫއުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހަނިމާދޫ ބަދަރު މަސައްކަތް ކުރަނީ އެމްޓީސީސީ ނެވެ. 2020 ވަނަ އަހަރު މޭ 5 ގައި މޮބިލައިޒްކުރެވުނު ހަނިމާދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާ ހަވާލުކުރީ 57.12 މިލިއަން ރުފިޔާ އަށެވެ.


