ވިޔަފާރީގެ ބޭނުމަށް ވިސާއާ ނުލާ އިންޑިއާ މީހުންނަށް ރާއްޖެ އާދެވޭ ގޮތް ހަދައިފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިންޑިއާ ރައްޔިތުންނަށް ވިސާއާ ނުލާ ވިޔަފާރީގެ ބޭނުމަށް ރާއްޖެއަށް ދަތުރުކުރުމުގެ ހުއްދަ ދީފައިވާ ކަމަށާއި އެގޮތަށް ރާއްޖެ އެތެރެވާ އިންޑިއާ ރައްޔިތުންނަށް ރާއްޖޭގައި 90 ދުވަހުގެ މުއްދަތަކަށް މަޑުކުރެވޭނެ ކަމަށެވެ.
މިއީ ރާއްޖެއާއި އިންޑިއާ ސަރުކާރާ ދެމެދު ޑިސެމްބަރު 17، 2018 ގައި ސޮއިކުރި ވިސާ އެއްބަސްވުމުގެ ދަށުން ދިން ހުއްދައެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އެ އެއްބަސްވުމުގެ ދަށުން ބިޒްނަސް ވިސާގައި ހަ މަސް ދުވަސް ވަންދެން އިންޑިއާ ރައްޔިތުންނަށް ވިޔަފާރީގެ ބޭނުމަށްޓަކައި ރާއްޖެއަށް ދަތުރުކޮށް 90 ދުވަސް ވަންދެން މަޑުކުރެވޭނެ އެވެ. އަދި ބިޒްނަސް ވިސާއެއް އޮންނަ މީހުން ވިސާ އާ ކުރަން ޖެހޭނީ ކޮންމެ 180 ދުވަހަކުން ކަމަށްވާއިރު މިއީ ވިސާ އާއި ނުލައި މަޑުކުރެވޭ 90 ދުވަހުގެ މުއްދަތުގެ އިތުރުން ގުނާ މުއްދަތެކެވެ.
ބިޒްނަސް ވިސާއަށް އެދުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް.އީގޮވް ޕޯޓަލް މެދުވެރިކޮށް އެދެވޭނެ އެވެ.


