ގާތްތިމާގެ މީހުންނާ ގުޅުން ކެނޑުމަކީ ގިޔާމަތްދުވަހުން ސުވަރުގެ ވަނުމުން މަހުރޫމްވެގެންދާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
“މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ﷲ ތައާލާއަށް އަދާކުރަންޖެހޭ ހައްގުތައް އަދާކުރުމަށްފަހު، ދެން އެންމެ އިސްކަންދޭން ޖެހޭ ހައްގަކީ މައިންބަފައިންނަށް ކަމޭހިތުމާއި އޯގާވެރިވުން ކަމަށާއި މާތް ﷲ، އެ ކަލާނގެއަށް އަޅުކަން ކުރުމަށް އެންގެވި އަމުރުފުޅާ ވިދިގެން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި އަމުރު ކުރައްވާފައިވާ ކަމަށެވެ.
ހުތުބާގައި ބުނީ، މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ކަމޭ ހިތުމަކީ އެކަމުގެ ސަބަބުން ހެޔޮކަމާއި ލާބައިގެ ގިނަގުނަ ދޮރުތައް ހުޅުވޭ ކަމެއް ކަމަށެވެ. އަދި ކީރިތި ރަސޫލާގެ ބަސްފުޅުތަކުންނާއި އަމަލުފުޅުތަކުން އެ ކަންތައްތައް ބަޔާންކޮށް ދެއްވާފައިވާ ކަމަށް ބުންޏެވެ.
އެގޮތުން އެކަލޭގެފާނު ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
“އޭނާގެ ރިޒްގު ތަނަވަސްކޮށްދެއްވުމަށާއި އޭނާގެ އުމުރު ދިގުކޮށް ދެއްވުމަށް ލޯބިކުރާ މީހާ ފަހެ، އޭނާގެ ރަހިމުގެ ގުޅުން ދަމަހައްޓާ ހުށިކަމެވެ!”
ހުތުބާގައި ބުނީ، މައިންބަފައިންނަށް އިހާނާތްތެރިކޮށް ހިތާ މީހުންނަށް އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރަށް ދުނިޔެ މަތީގައިވެސް އެކަމުގެ އުގޫބާތް ލިބޭނޭކަން ކީރިތި ރަސޫލާ އަންގަވައި ހަދީޡް ކުރައްވާފައިވާ ކަމަށެވެ. އެކަލޭގެފާނު ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
“ފާފަތަކުގެ ތެރެއިން އަނިޔާ ކުރުމާއި މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުން ފިޔަވައި، އެންމެހައި ފާފަތަކުގެ ޖަޒާ، ގިޔާމަތާ ހަމައަށް މާތް ﷲ ފަސްކުރައްވަތެވެ. ނަމަވެސް މިކަންކަމުގެ ޖަޒާ މަރުވުމުގެ ކުރިން ދުނިޔެމަތީގައިވެސް، އެމީހަކަށް އެކަލާނގެ އަވަސް ކުރައްވަތެވެ.”
ހުތުބާގައި އިތުރަށް ބުނީ، މައިންބަފައިންނަށް ކަމޭހިތުމުގެ ތެރޭގައި އެބައިމީހުން ދުނިޔެ ދޫކޮށް ދިއުމުން، އެބައިމީހުންނަށްޓަކައި ހެޔޮ ދުއާ ކުރުމާއި އެބައިމީހުންގެ ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނާއެކު ގުޅުން ދެމެހެއްޓުންވާ ކަމަށެވެ. އަދި ގާތްތިމާގެ މީހުންނާއެކު ގުޅުން ދެމެހެއްޓުމަކީ ﷲގެ ރަހުމަތް ލިބޭނެ ކަމެއް ކަމަށް ބުންޏެވެ.
އަދި ގާތްތިމާގެ މީހުންނާ ގުޅުން ކެނޑުމަކީ ގިޔާމަތް ދުވަހުން ސުވަރުގެ ވަނުމުން މަހުރޫމް ވެގެންދާނެ ކަމެއް ކަމަށާއި އެކަން ބަޔާން ކުރައްވައި ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “ރަހިމުގެ ގުޅުން ކަނޑާ މީހާ ސުވަރުގެ ނުވަންނާނެތެވެ،”


