އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލައި ހަނިމާދޫގައި ބެނާ ދެމުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މިއަދު ހަވީރު ހަނިމާދޫގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި ވަނީ ހަނިމާދޫ އެއާޕޯޓުން އަވަށަށް އަރަން އޮންނަ މަގު، (އަސްކަރީ ހިގުން) ސަރަހައްދުގައި ބެނާ ދަމާފައެވެ. މީގެއިތުރުން އިންޑިއާ ސިފައިން ދިރިއުޅޭ ސަރަހައްދުގައި ފާރުގައިވެސް އިންޑިއާ އައުޓް ލޯގޯ ޖަހާފައިވެއެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ހިންގާ އިންޑިއާ އައުޓް ބެނާތައް ހަރުކުރިތަން އިންޑިއާ ސިފައިންނަށް ފެނިފައިވާކަަމަށްވެއެވެ. އަދި ފުލުހުންވެސް އެތަން ބަލާފައިވާއިރު އެކަން އެއްވެސް ފަރާތަކުން ހުއްޓުވާފައެއް ނުވެއެވެ.

އިންޑިއާ އައުޓް ބެނާތައް ހަނިމާދޫގައި ދަމާ، ފާރުގައި އިންޑިއާ އައުޓް ޖަހާފައިވާއިރު، ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ފޭބުމަށް ހިންގާ ޝިއާރުތައް ގޭގޭގެ ފާރުތަކުގައި ލިޔުމަށް ގޮވާލައްވާފައެވެ. ހަނިމާދޫގައި ގިނަ ޢަދަދެއްގެ އިންޑިއާ ސިފައިން ތިބެއެވެ. އަދި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އިންޑިއާއިން ރާއްޖެ ހަދިޔާކުރި ޑޯނިޔާ މަތިންދާބޯޓް ބާއްވާފައިއޮވެއެވެ. އަދި އެ ބޯޓް އޮޕަރޭޓްކުރަނީވެސް އިންޑިއާ ސިފައިންކަމަށް ތުހުމަތުކުރެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ރާއްޖޭގައި ދަނީ ޤައުމީ ބޮޑު ކެމްޕެއިނެއް ހިންގަމުންނެވެ. އަދި އެ ކެމްޕެއިން ހުއްޓުވުމަށް ސަރުކާރާއި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ދަނީ މަސައްކަތްކުރަމުންނެވެ.



