މާލޭ ޖަލުގައި ޤައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭގޮތަށް ޚާއްސަކޮށްފައިވާ ތިން ކޯޓް ރޫމް މިއަދު ބޭނުންކުރަން ފަށައިފިއެވެ.
މާލޭ ޖަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ކޯޓް ރޫމްތައް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުގެ ވާހަކަފުޅުގައި ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑު ކަމާއެކީގައި ގިނަ މަސައްކަތްތަކެއް އޮންލައިންކުރަން މަޖްބޫރުކުރަންޖެހިފައިވާ ވުމާއެކު ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމުގައެވެ.
އަދި ޚާއްސަކޮށް ރާއްޖެކަހަލަ ޤައުމެއްގައި އެކިއެކި ތަންތާނގައި ތިބެގެން ޝަރީޢަތް ހިންގޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި މިދިޔަ އަހަރުވެސް ވާނީ ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމުގައެވެ.

މީގެ އިތުރުން ކަރެކްޝަންގެ ބެލުމުގެ ބެލުމުގެ އަބަދުވެސް ޝަރީޢަތް ނިމެންދެން ގިނަ އަދަދެއްގެ މީހުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ ކަމަށާއި މިއަދުވެސް 298 މީހުން ބަންދުކުރަން ޖެހިފައިވާކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
އަދި މީގެ ތެރެއިން 80 އެތަށް މައްސަލައަކީ މެޖިސްޓްރޭޓް އަދި އަތޮޅުތަކާ ގުޅޭ މައްސަލަތައް ކަމަށާއި މީހުން އެއްތަނުން އަނެއްތަނަށް އުފުލުމަކީ ތަކުލީފު އަދި ޚަރަދު ބޮޑު ކަމެއްކަމަށާއި މި ކޯޓް ރޫމްތަކުގެ ސަބަބުން މި މަސައްކަތަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މާލޭ ޖަލުގެ ޑައިރެކްޓަރ ޑީއެސްޕީ އަލްއުސްތާޛް މުޙައްމަދު ތޮލާލް ވިދާޅުވީ މީގެ ކުރިން އޮންލައިންކޮށް ޝަރީޢަތުގައި ބައިވެރިވުމަށް ވަކިން ތަނެއް ޚާއްސަކުރެވިފައި ނުވާކަމަށާއި މިވަތުގުވެސް ޝަރީޢަތުން ވަކި ގޮތެއް ނިމެންދެން މާލޭ ޖަލުގައި 131 މީހުން ބަންދު ކޮށްފައިވާ ކަމަށެވެ
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީގެ އިތުރުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް، މާލޭ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަލްއުސްތާޛް މުޙައްމަދު ތޮލާލް، ކޮމިޝަންޑް އޮފިސަރުންނާއި މާލޭ ޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.


