ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މާރާމާރީ ހިނގާފައިވަނީ ބިދޭސީންތަކެއްގެ މެދުގައި ކަމަށާއި މާރާމާރީ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމުން ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މިހާދިސާގައި އަނިޔާވެފައިވަނީ ތިން ބިދޭސީންނަށެވެ. އޭގެ ތެރެއިން ދެ މީހަކަށް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައެވެ. މާރާމާރީގައި ޒަހަމްވި ތިން މީހުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ އެ މާރާމާރީ ހިނގާފައިވަނީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން ބެލެވޭ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރެވެމުންދާކަމަށް ފުލުހުން ބުންޏެވެ.


