މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިލިމާލޭގައި ހުންނަ ސިނަމާލެ 04 ފްލެޓްގެ އޮފީސް ހުޅުވައިދެއްވައިފިއެވެ. މި އޮފީސް ހުޅުވައިދެއްވީ މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައެވެ.
ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި މޭޔަރު ވިދާޅުވީ ސިނަމާލެ 04 ގެ ޢިމާރާތާއި ގުޅޭ މުހިންމު ކަންކަން މާލޭ ސިޓީ ކައުންސިލުގެ ސްޓްރެޓިޖިކް ޕްލޭންގައި ވެސް ހިމެނޭ ކަމަށެވެ.
އޭގެތެރެއިން ވަށާފާރު ރޭނުމުގެ މަަަސައްކަތް ނިމިފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ މިއަދު ފުލެޓުގެ އޮފީސް ހުޅުވިއްޖެ ކަމަށާއި، ސިނަމާލެ 1، 2، 3، އަދި މާލެ ހިޔާ 1، 2 ވެސް އެ ސަރަހައްދުގެ ފުލެޓުތަކަށް ވެސް އޮފީސް ހުޅުވާގޮތަށް ސްޓްރެޓިޖިކް ޕްލޭންގައި ހިމަނާފައިވާ ކަމަށެވެ.
“ދެން ކައުންސިލުން ނިންމާފަވާނީ ސިނަމާލެ 1، 2، 3، އަދި މާލެ ހިޔާ 1، 2 ވެސް އެ ސަރަހައްދުގެ ފުލެޓުތަކަށް ވެސް އޮފީސް ހުޅުވާގޮތަށް. އަޅުގަނޑުމެންގެ ސްޓްރެޓިޖިކް ޕްލޭންގަ ވެސް އެކަން އޮންނާނީ ހިމަނާފަ. މިހާރު އެކަމާ ގުޅޭ އިދާރީ މަސައްކަތް މި ހިނގަނީ. އުންމީދުކުރަނީ އިރާދަކުރެއްވިއްޔާމު ލަސްތަކެއްނުވެ އެންމެ ލަސްވެގެން ރޯދަމަސް އަންނަންވާއިރަށް އަޅުގަނޑުމެން އުންމީދުކުރަން މާލޭގަ މިހުރި ފުލެޓުތައް ހުރި ސަރަހައްދުގަ ވެސް އޮފީހެއް ހުޅުވޭނެކަމަށް.” މޭޔަރު ވިދާޅުވިއެވެ.
މީގެ ބޭނުމަކީ ރައްޔިތުންނާއި ގާތުން ޚިދުމަތްދޭން މަސައްކަތް ކުރުންކަމަށް މޭޔަރު ވިދާޅުވިއެވެ.


