ގައުމަށް ބޭނުންތެރި ދަރިންތަކެއް ބިނާކޮށްދީފައި އޮތުމަކީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އެންމެ ބޮޑު އެއް ކާމިޔާބު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހޯމަ ދުވަހުގެރޭ އެ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަހުމަދިއްޔާ ސްކޫލުން ކިޔެވި ދަރިވަރުން، ރައްޔިތުންގެ މަޖިލީހާއި، ސަރުކާރުގެ މަތީ މަގާމުތަކާއި، ފަންނީ އަދި ހުނަރުވެރި ތަފާތު ދާއިރާތަކުގައި ތިއްބެވިކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، މީގެ 40 އަހަރު ކުރީން މާލޭގައި ތައުލީމުގެ ކަންކަން އޮތްގޮތުގެ މައްޗަށާއި، އަހުމަދިއްޔާ ސްކޫލްގެ ނަން ނިސްބަތްވެވަޑައިގަންނަވާ، އަލްމަރްހޫމް ޑީ އަހުމަދު ދީދީ އެ ސްކޫލް ފެއްޓެވިގޮތުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އަހުމަދިއްޔާ ސްކޫލަކީ މިހާރު މާލޭގައި ހުރި ސްކޫލްތަކުގެ ތެރެއިން، ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔަވައިދޭ ހަމައެކަނި ސްކޫލުކަމަށާއި، ފާއިތުވި 40 އަހަރުގެ ތެރޭގައި ތައުލީމީ ރޮނގުންނާއި ސްކޫލް ފެންވަރުގައި ވާދަކުރި އިތުރު ހަރަކާތްތަކުގައި އެ ސްކޫލްގެ ދަރިވަރުން ހޯދާފައި ވަނީ ރަން ވަނަތަކެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން އެންމެ އިސްކަމެއްދޭ އެއްކަމަކީ މީހުން ބިނާކުރުންކަން ފާހަގަކުރައްވައި، އޭގެ ތެރެއިން ވެސް ތައުލީމީ ގޮތުން ހަރުދަނާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ޚާއްސާ އިސްކަމެއް ދޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ދަރިވަރުންނަށް ސަރުކާރުން ފަހިކޮށްދެނީ ވެސް އެ ބޭނުމުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ރާއްޖޭގައި ހިންގާ ތަރައްގީގެ ބައެއް މަޝްރޫއުތައް ފުރިހަމަވާއިރު، ފަންނީ ހުނަރުވެރިންނަށް ބޭނުންވާނެ ގިނަ ވަޒީފާތައް އުފެދިގެން ދާނެކަން ފާހަގަކުރައްވަމުން، 5 ސަރަހައްދެއްގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލްތަކާއި، ރަށްރަށުގައި ހިންގާ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫއުތަކާއި، ފެން އުފައްދާ ޕްލާންޓްތައް ފަދަ ތަންތަނުން އެފަދަ ބައެއް ވަޒީފާތައް އުފެދޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


