މާލެ ސިޓީ ކައުންސިލްގެ އަހަރީ ދުވަސް ކަނޑައަޅައި، މި އަހަރުން ފެށިގެން އެ ދުވަސް ފާހަގަ ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި، އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 41 ވަނަ ރަސްމީ އާންމު ޖަލްސާގައި ފާސްކޮށްފައި ވަނީ ކޮންމެ އަހަރެއްގެ ޖުލައި ތިން ވަނަ ދުވަހަކީ އެ ކައުންސިލްގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށެވެ. ސިޓީ ކައުންސިލްގެ އަހަރީ ދުވަސް ފާހަގަ ކުރަން ނިންމާފައި ވަނީ މިއަދުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
މިއަދުގެ ޖަލްސާގައި ބައިވެރިވި މެންބަރުން ވަނީ މާލޭގެ އެހެން މުއައްސަސާތަކެކޭ އެއްގޮތަށް، ސިޓީ ކައުންސިލުން ވެސް އަހަރީ ދުވަހެއް ފާހަގަ ކުރުން މުހިންމު ކަމަށް ވިދާޅުވެފައެވެ. މާލޭ މޭޔަރު ވިދާޅުވީ، އެހެން މުއައްސަސާތަކެކޭ އެއްގޮތަށް ކައުންސިލުގެ އަހަރީ ދުވަސް ފާހަގަ ކުރަން ނިންމީ މާލޭގެ އިޖުތިމާއީ ބެލެނިވެރިޔަކީ މާލޭ މުނިސިޕަލްޓީ ކަމަށްވާތީ އާއި، މާލެ ސިޓީއަކަށް ބަދަލުވެ، އޭގެ ފަހުން ނިޒާމަށް އައި ބަދަލުތަކުގައި މިހާރު އެ ދައުރު އަދާކުރަނީ މާލެ ސިޓީ ކައުންސިލް ކަމަށް ވާތީއެވެ.
މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކޮށް ހިތްވަރު ދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށާއި، ސިޓީ ކައުންސިލްގެ މަސައްކަތްތަކުން ހާސިލް ކުރެވުނު މިންވަރު ކަނޑައަޅައި އެކަން ފާހަގަކުރާނެ ވަކި ދުވަހެއް އޮންނަން ޖެހޭ ކަމަށެވެ.


