އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް، އެ ޕާޓީގެ މީހުން ވަޒީފާއިން ވަކި ކުރާނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަކި ކުރައްވަން ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބާއި އަންހެނުންގެ ރޫޚުގެ އިންތިޚާބުގައި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނުންނާއި ނަޝީދުގެ ފެކްޝަނުން ވެސް ވާދަކުރައްވައެވެ.
މި ގޮތަށް ދެ ފަޅިން ކެންޑިޑޭޓުން ނުކުމެ ވަޑައިގެން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ނަޝީދުގެ ފެކްޝަންގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވައެވެ.
މިފަދަ ބޭފުޅުން މަގާމުތަކުން ވަކި ކުރައްވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ނަޝީދު ވިދާޅުވީ އެ ކަން ކުރައްވައިގެން ނުވާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ދީފައިވާ ބާރުތައް ރައީސް ސޯލިހް ބޭނުން ކުރައްވަމުން ގެންދަވަނީ ވަރަށް ސީޔާސީ ގޮތެއްގައި ކަމަށެވެ.
“ރައީސް ސޯލިހަށް ދަންނަވަން، އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް، ޕާޓީން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ، ވަކި ކުރަނީ ނަމަ އަޅުގަނޑު ވެސް ވަކި ކުރޭ،” ނަޝީދު ލިޔުއްވާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނޫނީ އެމްޑީޕީގެ ރައީސް މަގާމުން ވިޔަސް ނަޝީދު ވަކިކުރައްވަން ވިދާޅުވިއިރު، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ ވެސް އޮތީ ރައީސްގެ ފެކްޝަނަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ރައީސްގެ ފަޅިން ވާދަކުރައްވަނީ ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. ނަޝީދުގެ ފަޅިން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެވެ.
މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކުރިން އަންނަ “ޓެސްޓް ރައުންޑް” ނުވަތަ އެއަށް ތައްޔާރުވާ ގަދަ ހިފުމެއްގެ ގޮތުގައި ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.


