ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފްގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅާ ކޯޓުން މައްސަލަ ބޭރުކޮށްލައިފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި ގާޒީ މުހައްމަދު މިސްބާހު މި މައްސަލަ ބޭރުކުރަން ނިންމެވީ މައްސަލައަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނޭ މައްސަލައެއް ކަމުގައި ކަނޑައެޅީ، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައި ހުރި ހެކިތަކަކީ އެ ހެކިތައް ދޭންޖެހޭ އެންމެ މަތީ ބުރަދަން ދިން ނަމަވެސް އެ ހެކިތަކުގެ ސަބަބުން މައްސަލަ ސާބިތުކުރެވިދާނޭފަދަ ހެކިތަކަކަށް ނުވާތީއެވެ. އެގޮތައް ނިންމީ މީގެ ކުރިން ހައިކޯޓުން ނިންމާފައިވާ ނިންމުމަކަށް ރިއާޔަތްކުރައްވާ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފުގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅަފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24ގައެވެ. މަޚްލޫފްގެ މައްޗަށް އުފުލާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.
މިއީ ފަހުގެ ތާރީޚެއްގައި ވަޒީރުކަމުގައި ހުންނަވަނިކޮށް ދައުވާ އުފުލި މިފަދަ ފުރަތަމަ މައްސަލައެވެ.


