“ޒަކާތު ނަފާ”ގެ ނަމުގައި ފަގީރުންނަށް މާލީ އެހީ ފޯރުކޮށްދޭ ޕްރޮގްރާމެއް ފަށައިފި

ޚަބަރު ފަހުގެ

“ޒަކާތު ނަފާ”ގެ ނަމުގައި ޒަކާތު ފަންޑު މެދުވެރިކޮށް ފަޤީރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ޙާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައިވަނީ އިކޮނޮމިކް މިނިސްޓްރީ އާއި، އިސްލާމިކް މިިނިސްޓްރީން ގުޅިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން، ކަނޑައެޅޭ ވަކި އަދަދެއްގެ ބަޔަކަށް ޒަކާތު ފަންޑުން ހަރަދުކޮށް، ޒަކާތުގެ ފައިދާ އޭގެ އެންމެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގެއް ފަހިކޮށްދިނުމުގެ އިތުރުން ފުދުންތެރި މުޖުތަމައުއެއް ބިނާ ކުރަން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަަށް ހިންގާ މި ޕްރޮގްރާމް، އަމާޒު ކުރާނީ އިސްލާމިކް އެފެއާޒުން އެކުލަވާލާފައިވާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތުންގެ ތެރެއިން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އަމިއްލައަށް މަސައްކަތް ކޮށްގެން ފުދުންތެރި ދިރިއުޅުމެއް ފަށައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން އަމިއްލައަށް މަސައްކަތް ކޮށްގެން ޝަރަފުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ބާރުއެޅުމާއެކު އިޤްތިޞާދު ކުރިއެރުވުމުގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަކީވެސް އެއް މަގުސަދު ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި މި އެހީ ފޯރުކޮށްދެވޭ މީހުންގެ ދިރިއުޅުން ތަނަވަސްވެ، ކުރިމަގުގައި މުދަލު ޒަކާތް ދެއްކުމާ ހަމައަށް ވާސިލުކޮށްދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޒަކާތު ފަންޑުން އެހީ ދިނުމުގައި އިސްކަން ދޭނެ ދާއިރާތައް ކަނޑައެޅުމުގައި ބަލާނީ ގައުމީ ތަރައްގީއަށާއި މުޖުތަމައުގެ ފުދުންތެރިކަން އިތުރުކުރެވޭނެ ދާއިރާތަކަށެވެ.

މިގޮތުން ފުރަތަމަ ފިޔަވަހީގައި ހިންގާނެ ޕްރޮގްރާމްތަކުގެ ތެރޭގައި ގެދޮރުން އާމްދަނީ ހޯދުމާއި ޕޯލްޓްރީ ފާމިންއާއި ހައިޑްރޯފޯނިކްސް ދަނޑުވެރިކަމާއި ފަރުމަސްވެރިކަމާއި ފެހުމާއި ތަމްރީން، އަދި “އޮން ދަ ޖޮބް” ޓްރެއިނިންގެ އިތުރަށް އެޕްރެންޓިސްޝިޕް ފުރުސަތުތަށް ހޯދައިދިނުން ހިމެނޭނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ