ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ދުވާރު ހެދުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި ކަމަށް އެ މަސައްކަތުގެ ކޮންްޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން، 27،179 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 10،392 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުން ހިމެނޭކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މީގެ އިތުރުން ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނޭކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 53.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މަގުތައް ހަލާކުވެ އަޑިގުޑަންވުމާއި އަދި ފެންބޮޑުވުމުގެ މައްސަލަ ބޮޑުވެ ފޮނަދޫގެ މަގުތައް ފުރަތަމަ ތަރައްގީކުރަން ފެށީ 2017 ވަނަ އަހަރެވެ. ނަމަވެސް ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓިފައިވަނިކޮށް، އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން އަލުން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހު އެވެ. މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ، 20 ޖަނަވަރީ 2021 ގައެވެ.
ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ނިންމައި، އެ މަގުތައް ބޭނުންކުރަން ފަށާފައިވާ އިރު، ފުރަތަމަ ފިޔަވަހީގެ ދަށުން ރަށުގެ 13 މަގެއް ތާރު އަޅައިގެން ވަނީ ތަރައްގީކޮށްފަ އެވެ. އެއީ 3.5 ކިލޯމީޓަރުގެ މަގުގެ ސަރަހައްދެވެ.


