އަންހެނުންނަށް ނިސްބަތްކޮށް “ކަނބަލުން” ކިޔައި އުޅުމަކީ ހުތުރު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އަންހެނުންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް އަންހެން ލީޑަރުން އުފެދިގެން ދާން އެދިވަޑައިގަންނަވާ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ ނިސްބަތެއް އަންހެނުންނަށް ޚާއްސަ ކުރަން ލާޒިމު ކުރުމުން ކައުންސިލްތައް ހިންގުމުގައި އަންހެނުންގެ ދައުރު އިތުރު ވެފައިވާ ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.
“އަޅުގަނޑަށް ވަރަށް ހުތުރު ބަހެއް އެއީ، މި ކަނބަލުންނޭ ކިޔައިގެން ވާހަކަ ދެއްކުން، އަންހެނުން، އަންހެން ބޭފުޅުން، އާންމުކޮށް އަޅުގަނޑުމެން ބޭނުން ކުރާ ބަސްތައް ބޭނުން ކުރުމާއި މެދު އަޅުގަނޑު ހިތުން، އަޅުގަނޑުމެން ފާހަގަ ކުރަން ރަނގަޅު ނުކުތާއެއް،” ރައީސް ނަޝީދު
އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރަތް ދޫލަ އެޅުމާއި މާބޮނޑި ދިނުމާއި ފިނިފެންމާ ދިނުމާއި ޗޮކްލެޓް ދިނުމާއި ކޭކު، ބަދިގޭގައި ގެންގުޅޭ ތަކެތި (ތެލި، ތަށި، އުނދުޅި) އަދި ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ ތަކެތި (މޮޕް، ފިހިގަނޑު) ފަދަ ތަކެތި ދިނުމާއި ފިޔާތޮށި ކުލަ ހެދުން ލުން މަނާކޮށްފައިވެއެވެ.
މި ކަމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން އިރުޝާދު ދެނީ މިފަދަ ތަކެތި ދިނުމުގެ ބަދަލުގައި މާނަވީ ގޮތެއްގައި އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށެވެ.


