ހަނިމާދޫ ކައުންސިލުން މިއަދު ހާމަކޮށްފައި ވާގޮތުން ހަނިމާދޫ ގައި ސަރުކާރުން އަޅާ މިސްކިތް އެޅުމަށް ބޭނުންވާ ބިން މިއަދު ވަނީ ހަވާލުކޮށްފައެވެ.
މިސްކިތް އަޅަން ހަމަޖެހިފައި ވަނީ ހަނިމާދޫ ސްކޫލް އުތުރުން، އޯކިޑްމަގާއި މިރިހިމަގު ދެމެދުވާ ހުސްތަނުގައެވެ.

ހަނިމާދޫގައި ސަރުކާރު ހަރަދުގައި މިސްކިތެއް އެޅުމަށް 7 ފެބުރުވަރީ ދުވަހުވަނީ އިސްލާމިކް މިނިސްޓްރިއާއި އަލާފް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފައެވެ.
އެދުވަހު މިނިސްޓްރީން ބުނީ ދައުލަތުން 11.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ހަނިމާދޫ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. އަދި މި މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށެވެ.
މިދިޔަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ އެދުވަހު ބުނެފައެވެ.


