ހަނިމާދޫ ރައްޔިތުން އެދޭގޮތަށް ހަނިމާދޫ ބަނދަރުގެ ބޭރު ތޮށި ހަދައި ނުދެވޭނަމަ އެމަސްރޫޢު ހުއްޓާލަން ރައްޔިތުން ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކުރީ ހަނިމާދޫ ކައުންސިލުން ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމަށް ހާޒިރުވި މީހުންގެ ފުރިހަމަ އަޢުލަބިއްޔަތުންނެވެ.
އެނިންމުމުގައި ވަނީ ހަނިމާދޫ ބަނދަރު ބޭރުތޮށި ހަދަން ޖެހޭނީ އެތެރެ ފަޅިއަށް ރިވެޓްމަންޓު ނުވަތަ އެލް ބުލޮކް ޖަހާ ބޭރު ތޮށި ބޭނުން ހިފޭނެހެން ކަމަށާއި، އެހެން ހަދައި ނުދެވޭނަމަ ހަނިމާދޫ ބަނދަރުގެ މަސްރޫޢު އެއްކޮށް ވަގުތުން ހުއްޓާލުމަށެވެ.
މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ހަނިމާދޫ ބަނދަރުގެ ބޭރުތޮށި ހެދުމާ ގުޅޭގޮތުން ކަންހިގާފައިވާ ގޮތް؛
09 މޭ 2019 ވަނަ ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހަނިމާދޫ ކައުންސިލަށް ސީޓީއެށް ފޮނުވިއެވެ. އޭގައިވަނީ ރަށުގެ ހާލަތަށް ބެލުމަށްފަހު ތައްޔާރުކޮށްފައިވާ ޕްރިމިނަރީ ކޮންސެޕްޓަށް ރަށުގެ ރައްޔިތުންގެ ޚިޔާލުހޯދުމަށެވެ. އަދި 16 މެއި 2019 ވަނަ ދުވަހުގެ 12:00ގެ ކުރިން ކައުންސިލްގެ ބަހެއް ލިޔުމުން ފޮނުވުމަށެވެ.
ލިޔުމުން ޖަވާބު ދިނުމުގެ މަރުހަލާ ފުރިހަމަ ކުރުމަށްޓަކައި 13 މެއި 2019 ވަނަދުވަހު ހަނިމާދޫ ކައުންސިލްގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރިއެވެ. މިދުވަހު ރައްޔިތުން އެދުނީ އެތަނަށް ޕިކަޕް ފަދަ އުޅަނދު ދަތުރު ކުރެވޭނެހެން އޮތުން އަދި ދޯނި ފަހަރު އެޅޭނެ ގޮތަށް ހެދުމާ އަރާފައިބަން ފަސޭހަކޮން ހެދުން، އަދި ބޭރު ތޮށި ޝީޓްޕައިލް ކުރަން ހުށައެޅިއެވެ.
އެގޮތަށް ނުވުމުން މިދިޔަ އަހަރު ޖޫން މަހުގެ މެދު ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަނިމާދޫއަށް ޒިޔާރަތްކުރެެއްވުމުން، އެމަނިކުފާނުގެ އަރިހަށް އެކަމުގެ ޝަކުވާ ހުށަހެޅިއެވެ. އެމަނިކުފާނުވަނީ ރައްޔިތުން އެދޭގޮތަށް ރިވެޓްމަންޓު ޖަހައިދޭނެކަމަށް ވައުދުފުޅުވެފައެވެ. އަދި ސެޕްޓެމްބަރ މަހު ވަނީ ރިވެޓްމަންޓު ޖަހާގޮތަށް އޮތް ބަނދަރުގެ ކުރެހުމެއްވެސް ހަނިމާދޫ ކައުންސިލަށް ލިބިފައެވެ.
ރައްޔިތުން އެދޭހެން ބަނދަރުގެ ބޭރުތޮށި ނުހަދަން މިނިސްޓްރީން ދައްކާ ބަހަނާތައް؛
މިނިސްޓްރީން ބުނަނީ ބޭރުތޮށި ރައްޔިތުން އެދޭހެން ހަދައިފިނަމަ ބަނދަރުގައި ގޮށްރާޅު ހެދި ގަދަ ވާނެކަމަށެވެ. ނަމަވެސް ރާއްޖޭގެ އެކި ރަށްތަކުގައި އަދި ހަނިމާދޫއަށްވުރެ އާބަދީ ކުޑަ ރަށް ރަށުގައިވެސް ބޭރުތޮށި ބޭނުން ކުރެވޭހެން ބަނދަރު ހަދާފައި އެބަހުއްޓެވެ.
ގަދަވިޔަސް މަޑު ވިޔަސް ރައްޔިތުން ބޭނުން ވާގޮތަށް ހަނިމާދޫ ބަނދަރު ހަދައިދިނުމަށް ރައްޔިތުން އެދެއެވެ.
އެކަމަކު ވިސްނާލުން މުހިއްމުކަމެއް އެބައޮތެވެ. ވަކި ރަށެއްގައި ބަނދަރު ވަކި ގޮތަކަށް ހަދާފަ އޮތުމަކީ އެގޮތަކަށް އެހެން ރަށެއްގެ ބަނދަރު ހެދުމުން އެކަމުގައި މައްސަލައެއް ނުނިކުންނާނެއޭ ބުނަން އޮތް ހުއްޖަތެއް ނޫނެވެ. މިނިސްޓްރީގެ ބަހަކީ ފަންނީ ދިރާސާއެެއްގެ މައްޗަށް ބުނާ ބަހެއްތޯ ބެލުން މުހިއްމެވެ. އެބަހުގެ ދޮގު ތެދު ފަންނީ އަދި ތަޖުރިބާގެ އަލީގައި ބެލުން މުހިއްމެވެ.
މިނިސްޓްރީގެ ބަހަކީ ހަގީގަތުގައިވެސް ފަންނީ ފުރިހަމަ ދިރާސާއެއްގެ މައްޗަށް ބުނާ ވާހަކައެއް ނަމަ، އަދި ރައްޔިތުން އެދޭގޮތަށް ބަނދަރު ހަދައިގެން އެބުނާ މައްސަލަތައް ހައްލުކުރެވޭނެކަމުގެ މެތަޑެއް ހޯދުމަކީ އިލްމީގޮތުން ނުވަތަ ރާއްޖޭގެ ސަރުކާރުގެ ގާބިލުކަން ހުރިވަރުން މުސްތަހީލު ކަމެއްނަމަ ރައްޔިތުންވެސް އެކަމާމެދު ވިސްނާލުން މުހިއްމެވެ.


