އިންޑިއާ ސިފައިން ރާއްޖޭގައި އުޅެނީ ހަތިޔާރާއެކު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު އދ.މަހިބަދޫގައި ބޭއްވި “އިންޑިއާ އައުޓް” ކެމްޕޭން އިވެންޓެއްގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ އުތުރުތިލަފަޅުގައި މަސައްކަތް ކުރާ އިންޑިއާ ސިފައިންނަށް ބޭނުން ހަތިޔާރެއް ގެނައުމުގެ ހުއްދަ ދިވެހި ސަރުކާރާއެކު ހެދި އެއްބަސްވުވަމުން ދީފައިވާ ކަމަށާއި ބޭނުން އަދަދަކަށް ހަތިޔާރު ގެނައުމުގެ ފުރުސަތު އިންޑިއާ ސިފައިންނަށް އެބައޮތް ކަމަށެވެ.
“މާރިޔާ މީތި ދޮގުކޮށްބަލަ، ޖެނެރަލް ޝަމާލު މި ވާހަކަ ދޮގުކޮށްބަލަ. ނުކުރެވޭނެ ދޮގެއް. މިއީ ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބީމަ ވާ ނުރައްކާ” ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އިންޑިއާ ސިފައިންނަށް ރާއްޖެ އަށް ބޭނުން ހަތިޔާރެއް ގެނެވޭއިރު ސަރުކާރަށް “ޗުއްޕު” ވެސް ނުބުނެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ އިންޑިއާ ސިފައިން އުޅެނީ ހަތިޔާރާއެކު ކަމަށާއި އެގޮތުން އިންޑިއާ ސިފައިން ރާއްޖޭގައި އުޅޭއިތު ހަތިޔާރު ނުގެންގުޅޭ ކަމަށް ދިވެހި އަސްކަރިއްޔާގައި ތިބި އެއްވެސް މީހަކު ނުބުނާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
“ރާއްޖޭގައި ހުރިހާ ތަނެއްގައި މި އުޅޭ މީހުންގެ (އިންޑިއާ ސިފައިން) އަތުގައި ހަތިޔާރު އެބަހުރި، ހަތިޔާރު ހުންނާނެ. އެއީ އުތުރުތިލަފަޅުގައި އުޅޭ މީހުންނަށް ހަތިޔާރު ގެންނަން އެ އޮތީ ދިވެހި ސަރުކާރުން ހުއްދަ ދީފައި” ޔާމީން ވިދާޅުވި އެވެ.
ހަތިޔާރާއެކު ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާ އުޅުމަކީ މަނާ ކަމެއް ކަމަށާއި އުތުރުތިލަފަޅުގެ އެއްބަސްވުން ރައްޔިތުންނާ ހަމައަށް ތިލަކުރަން މި ސަރުކާރުން ބޭނުން ނުވަނީ އެ ސަބަބާއި ހުރެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. ރާއްޖެ އަށް މިއީ ނާމާން ދުވަސްތަކެއް ކަމަށާއި މިއީ ކޮވިޑް-19 އަށް ވުރެ ބޮޑަށް ނުރައްކާ ބޮޑު ކަމެއް ކަމަށް ވިދާޅުވި އެވެ.


