ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފުގެ މައްޗަށް ކުރި ރިޝްވަތު ހިފުމުގެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުނުގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން ހައިކޯޓުގައި މާދަމައަށް ތާވަލުކޮށްފިއެވެ.
އެ މައްސަލަ ހައި ކޯޓުގައި ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު 14:00އަށެވެ.
މަހުލޫފުގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، 2014 ވަނަ އަހަރުގެ އޮގަސްޓް 27 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީއެވެ.
މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙުމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް ދައުލަތުން ތުހުމަތުކުރިއެެވެ.
އެ މައްސަލަ ކޯޓުން ބޭރުކޮށްލީ މަހުލޫފަށް ލިބުނީ ރިޝްވަތުގެ ފައިސާކަން ސާބިތުކޮށްދެވޭވަރުގެ ހެއްކެއް ދައުލަތަށް ހުށަހަޅައިފައި ނެތުމުންނެވެ.


