ސްކޫލަށް ހާޒިރުވާއިރު މާސްކް އެޅުން މަޖުބޫރު ކަމެއް ކަމުގައި އޮތުން އުވާލައިފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެންމެ ކުރި އިއުލާނެއްގައި ބުނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ތަންތަނުގައި މާސްކު އަޅަން ނުޖެހޭނެ ކަމަށް ނިންމުމާއި ގުޅިގެން ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ނޫން ކަމުގައި އަންގާ ކަމަށެވެ.
ނަމަވެސް ބެލެނިވެރިޔާ އާއި ދަރިވަރުން ބޭނުން ނަމަ ދަރިވަރުން މާސްކް އަޅައިގެން ސްކޫލަށް ފޮނުވިދާނެ ކަމަށާއި، ހައި ރިސްކު ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކު އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން، ސްކޫލުގައި އުޅޭ ވަގުތުތަކުގައި މާސްކު އެޅުމަކީ މަޖުބޫރުކަމެއް ކަމުގައި ނުވިނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން ސްކޫލުގައި ހުންބެލުމާއި ގިނަގިނައިން އަތްދޮވުމުގެ ކަންތައް ކުރިއަށްދާނެ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.


