ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު “މުނާފިގު ނުވުމަށް” ރައީސް މުހައްމަދު ނަޝީދު ނަސޭހަތްތެރިވެއްޖެއެވެ.
މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހަށް ނަޝީދު ކުރެއްވި މެސެޖްތަކެއްގައި ވަނީ ސައީދަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ.
ނަޝީދު ގައުމީ މަޖިލީހުގެ ގްރޫޕަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ ފެނަކައަކީ ސައީދުގެ އަމިއްލަ ތަނެއް ނޫންކަން ހަނދާން ކުރައްވަން ވާނެ ކަމަށެވެ. “ދެން އެންމެ މީހަކަށް ގުޅިޔަސް، ފާޅުގައި ނިކުންނާނަން.” ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ގައްދޫ ދާއިރާގެ ރައީސްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިންނަވާ ސައީދު ނަޝީދަށް ޖަވާބު ދެއްވަމުން ވިދާޅުވީ އޭނާ އެއްވެސް މުވައްޒަފަކަށް ބިރުދައްކާފައި ނުވާނެ ކަމަށެވެ. “ރައީސް، އަޅުގަނޑު ފެނަކަ ކޮން މުވައްޒަފަކަށް ކޮން ވަގުތަކުތޯ ވަޒީފާގެ ބިރު ދެއްކީ. އެމީހަކު ނުހުންނާނެ. އެފަދަ ކަމެއް ނުކުރަން. އަދި ނުވެސް ކުރާނަން،” ސައީދު ނަޝީދަށް ރައްދުދެއްވާ ކުރެއްވި މެސެޖްގައި ވެއެވެ.
ސައީދަށް ރައްދު ދެއްވާ ނަޝީދު ދެން ވިދާޅުވީ “ތިޔަހެން ޖަދަލުކުރާނަމަ ވެސް އިދިކޮޅަށް ނިކުންނާނަން” ކަމަށެވެ. ސައީދު މިއަދު ހުންނެވި ހިސާބަށް އާދެވުނު ގޮތް ސައީދަށް އޮޅިއްޖެކަމަށް ނަޝީދު ވިދާޅުވިއެވެ.
ސައީދަކީ ނަޝީދުގެ ވެރިކަމުގައި އޭރު ޔުޓިލިޓީ ކުންފުންޏެއްގެ މެެނޭޖިން ޑިރެކްޓަރ ކަން ކުރެއްވި ބޭފުޅެކެވެ.
ނަޝީދު ޕާޓީން ބޭރު ކުރަން ސައީދު މަސައްކަތް ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު އެހެން ވިދާޅުވުމުން ސައީދު ވިދާޅުވީ ނަޝީދު ޕާޓީން ބޭރުކުރަން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށާއި އެފަދަ މަސައްކަތެއް ކުރަން އޭނާ އަކީ ކާކުތޯއެވެ.
ސައީދުގެ އެމެސެޖަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ “ސައީދު ތިޔަހައި މުނާފިގު ނުވެބަލަ، ދޮގު ނުހަދަބަލަ” ނަޝީދު ވިދާޅުވިއެވެ.


