ސިޔާސީ ޕާޓީތަކުން ބައްވާ ސިޔާސީ ހަރަކާތްތައް ބާއްވަން ވާނީ ގާނޫނީ އިމުގެ ތެރެެއިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އީސީން މިހެން ބުނެފައިމިވަނީ މާދަމާ ހަވީރު މާލޭގައި އިދިކޮޅު ފަރާތްތަކުން އެއްވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. މި އެއްވުމަކީ ގާނޫނީ އިމުގެ ތެރެއިން ބާއްވާ އެއްވުމެއް ކަމަށް ނުބެލެވޭތީ މި އެއްވުން ނުބޭއްވުމަށް ފުލުހުން ވަނީ އިދިކޮޅު ފަރާތްތަކަށް އަންގާފަ އެވެ.
އީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީތަކުން ބާއްވާ ބައްދަލުވުންތަކާއި ސިޔާސީ ހަރަކާތްތައް، ގާނޫނާއި ގަވާއިދުގެ ހުދޫދުގެ ތެރޭގައި ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ދައުލަތުގެ ހާރިޖީ ސިޔާސަތުތަކާއި ހާރިޖީ ގުޅުންތަކަށް އިހުތިރާމް ކުރުމާއެކު ކުރިއަށް ގެންދަން އިލްތިމާސްކުރާ ކަމަށެވެ.
އެގޮތުން ދައުލަތުގެެ ރަސްމީ އިދާރާތަކުން އަންގާ އެންގުންތަކަށް ބޯލެނބުމަށް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އިލްތިމާސްކުރާ ކަމަށް އީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
“ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް އަބަދުވެސް މި ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ދެމުންގެންދާނެ” އެ ބަޔާނުގައިވެ އެވެ.
ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ގިނަ ޢަދަދެއްގެ ދުއްވާ އެއްޗެހި ބޭނުން ކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކްކޮށް ރައްޔިތުންނާއި ޢާންމު ދަތުރު ފަތުރާއި ޚިދުމަތްތަކަށް ހުރަސް އެޅޭ ގޮތަށް ކަންތައްތައް ކުރުމަށް ރާވަމުންދާ ކަމަށެވެ.
އެގޮތުން މާލޭގައި އުޅޭ ކުށްކުރާ ގްރޫޕްތައް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތްތަކުން ރާވަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިކުރުމުގެ ގޮތުން އެއް ވަގުތެއްގައި އެކި ސަރަޙައްދުތަކަށް ބައިބަޔަށް މީހުން ނުކުތުމަށް ވެސް ރާވަމުންދާ ކަމަށް ބަޔާނުގައި ވެ އެވެ.
“ޤާނޫނާ ޚިލާފަށް އެއްވުން ބޭއްވުމަށް ފުރުޞަތު ނުދޭނެކަމަށާއި، މިއެއްވުމުގައި ބައިވެރިވެ، ޤާނޫނާއި ޚިލާފު އަމަލުތަކަށް މަގުފަހިކުރުވާކަމަށް ތުހުމަތުކުރެވޭ އެއްގަމު އުޅަނދާއި، ކަނޑު އުޅަނދު ބަލައި ފާސްކުރާނެ ކަމަށާއި، އަދި މިފަދަ އެއްވުމެއް ބާއްވައިފިނަމަ އެއްވުން ރޫޅާލާ، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެވާހަކަ ދަންނަވަން” ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.


