އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މިރޭ އައްޑޫ ސިޓީ އަށް ވަޑައިގެންފި އެވެ.
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ޖައިޝަންކަރަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރްގެ އިތުރުން އައްޑޫގެ މޭޔަރު އަލީ ނިޒާރު އާއި އައްޑޫ އަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.
މިއީ ޖައިޝަންކަރު ރާއްޖެ އަށް ކުރައްވާ ރަސްމީ ތިންވަނަ ދަތުރުފުޅެވެ. އަދި މިއީ މާލެ އިން ބޭރުން ރާއްޖޭގެ އެހެން ސަރަހައްދަކަށް އޭނާ ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ޖައިޝަންކަރު އައްޑޫ އަށް ކުރައްވާ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އިންޑިއާ އާއި ރާއްޖެއާ ދެމެދު މިރޭ އައު ދެ އެއްބަސްވުމެއްގައި ވެސް ސޮއިކުރުމަށް ހަމަޖެހިފައިވާއިރު މިނިސްޓަރު ޝާހިދު އާއި ޑރ. ޖައިޝަންކަރު ނޫސްވެރިންނާ މިރޭ ބައްދަލުކުރައްވާނެ އެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި ޑރ. ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރައިސް އިބްރާހިމް މުހައްމަދު ސޯލިހާއި އައްޑޫގައި ބައްދަލުކުރައްވާނެ އެވެ. އަދި އިންޑިއާގެ އެހީގައި އައްޑޫގައި އިމާރާތްކޮށްފައިވާ ޕޮލިސް އެކެޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ޖައިޝަންކަރު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.


