އިންޑިއާއިން ދިވެހިންނަށް ވަމުންދާ އެހީތަކަކީ އޭރު ރާއްޖޭގެ ވެރިކަމުގައި ތިބީ ކޮންބައެއްތޯ ބެލުމެއްނެތި ވަމުންދާ އެހީތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި ހެދި “ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް” ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އިންޑިއާ އިން ރާއްޖެއަށް ވެދެމުންގެންދާ އެހީތަކަކީ ސީދާ ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް އަބަދުވެސް ވެދެމުން ގެންދާ އެހީތަކެއް ކަމަށެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓްޑީސް އާއި 34 ރަށެއްގެ ފެނާއި ނަރުދަމާގެ އިތުރުން ތިލަމާލެ ބްރިޖާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަަރައްގީ ކުރުމާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމާއި އައްޑޫ މަގުތައް ހެދުމާއި ބިން ހިއްކުން އަދި ކޯސްޓްގާޑް ބިލްޑިން ފަދަ ޕްރޮޖެކްޓްތަކަކީ އެކަމުގެ ސާފު ހެކިތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
“އިންޑިއާއިން ދިވެހިންނަށް ވަމުންދާ އެހީތަކަކީ އޭރު ރާއްޖޭގެ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ ނޫނީ ކޮން ޕާޓީއެއްތޯ ބެލުމެއްނެތި ގައުމުގެ ތަރައްގީއަށް، ދިވެހިންގެ ކުރިއެރުމަށް ވަމުންދާ އެހީތަކެއް. މިއަދު ހުޅުވިގެން މިދާ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓަކީ މި ދެންނެވި ހަގީގަތުގެ އެއް މިސާލު،” ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ޕްްރޮޖެކްޓްގެ ވާހަކަ ފުރަތަމަ ދެ ސަރުކާރުގެ ދެމެދުގައި ދެކެވުނީ 2009 ވަނަ އަހަރު ކަމަށެވެ.
އޭރު ޕްރޮޖެެކްޓް ކުރިއަށް ގެންދަން ނިންމާފައި އޮތީ ޅ. ދިއްފުށިމާދޫގައި ކަމަށާއި ނަމަވެސް އޭގެ ފަހުން ޅ. މާބިންހުރާ އިން ދ. ވާނީ ޕްރޮޖެކްޓް ބަދަލުކުރިކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އައްޑޫ ސިޓީގެ މަރަދޫ ހިތަދޫ ގުޅޭ ސަރަހައްދުގައި ޕްރޮޖެކްްޓް ހިންގަން ނިންމާފައިވަނީ 2014 ވަނަ އަހަރުގެެ ފެބްރުއަރީ މަހު ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށް ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ރައީސް ވަނީ އެ އެކެޑަމީ ހަގީގަތަކަށް ހެދުމަށް ކުރީގެ ސަރުކާރުތަކުން ކުރި މަސައްކަތްތައް ފާހަގަކޮށް އޭރު ރައީސްކަމުގައި ތިއްބެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި ރައީސް މުހައްމަދު ނަޝީދަށް ޝުކުރު އަދާކުރައްވައިފަ އެވެ.


