ހަނިމާދޫ ކައުންސިލުން ފިތުރު ޒަކާތް ބަލައިގަންނާނީ ފައިސާއިން އެކަނިކަމަށާއި ގޮވާމުން ޒަކާތް ބަލައެއް ނުގަންނާނެކަމަށް އެކައުންސިލުން ބުނެފިއެވެ.
ހަނިމާދޫ ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ “ކައުންސިލުން ފިޠުރު ޒަކާތް ބަލައިގަންނާނީ މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތިން ނަގުދު ފައިސާއިން ކަމުގައި ދަންނަވަމެވެ” މިފަދައިންނެވެ.
މީގެ ކުރީގެ އަހަރުތަކުގައި ހަނިމާދޫ ކައުންސިލުންވަނީ ގޮވާމުން ޒަކާތް ބަލައިގަނެފައެވެ.
ހަނިމާދޫ ކައުންސިލްގެ އިއުލާންގައިވާ ގޮތުން 28 ރަމަޟާން 1443 (29 އޭޕްރީލް 2022) ވާ ހުކުރު ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ފިޠުރު ޒަކާތް ފައިސާއިން ބަލައިގަންނާނެ ކަމަށެވެ.
ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށްކަމަށާ އަދި ޒަކާތް ބަލައިގަތުން ކުރިޔަށް ދާއިރު އޮންލައިންކޮށްވެސް ޒަކާތް ދެއްކޭނެކަމަށް އެކައުންސިލުގެ އިއުލާނުގައިވެއެވެ.
އެގޮތުން އޮންލައިންކޮށް ޒަކާތް ދައްކާ ފަރާތްތަކުން ފިޠުރު ޒަކާތް ބަލައިގަތުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައިވެސް ހަނިމާދޫ ކައުންސިލްގެ ބޭންކް އެކައުންޓަށް (އެކައުންޓު ނަންބަރު 7706700320004) ފައިސާ ޖަމާކުރުމަށްފަހު، ފައިސާ ޖަމާކުރި ސްލިޕް ކައުންސިލު އިދާރާގެ މޯބައިލް ނަންބަރު 7440028 އަށް ވައިބަރ ކުރަށްވަމުން ގެންދިއުމަށް ކައުންސިލުން އެދިފައިވެއެވެ.
ނަމަވެސް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑި ނޫން ގަޑިތަކުގައި އޮންލައިންކޮށް ފައިސާ ދައްކަވާ ފަރާތްތަކުގެ ފައިސާގެ ރަސީދު ލިބިވަޑައިގަންނަވާނީ ޖެހިގެން އަންނަ ދުވަހުގެ ފައިސާ ބަލައިގަންނަ ގަޑީގައިކަމުގައި އެކައުންސިލުން ބުނެފައިވެއެވެ.
އަދި އޮންލައިންކޮށް ފައިސާ ދައްކަވާ ފަރާތްތަކުން ރިމާރކްސްގައި ޒަކާތުގެ ގޮތުގައި ފައިސާ ދައްކަވާ މީހުންގެ އަދަދާއި ބާވަތް އަދި ފައިސާ ދައްކަވާފަރާތުގެ ނަމާއި އައި.ޑީ ކާޑު ނަންބަރާއި އެޑްރެސް ޖެއްސެވުމަށްފަހު ފޮނުއްވުމަށް ސަމާލުވުމަށް އެދިފައިވެއެވެ.
ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރު ތެރޭގައި އާންމުކޮށްކައި އުޅުނު ބާވަތަކުން (ގޮވާމުން) އެ ރަށެއްގައި 2.4 ކިލޯގެ މިންވަރަށެވެ. ނުވަތަ އެ އަދަދަށްވާ ފައިސާއެވެ.
ރުފިޔާއިން ޒަކާތް ދައްކާނަމަ، ދައްކަންޖެހޭނީ
- އާދައިގެ ހަނޑޫ؛ މީހަކަށް 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ؛ މީހަކަށް 77 ރުފިޔާ
- ރަތް ހަނޑޫ؛ މީހަކަށް 72 ރުފިޔާ
- ބާސްމަތީ ހަނޑޫ (އާދައިގެ)؛ މީހަކަށް 77 ރުފިޔާ
- ބާސްމަތީ ހަނޑޫ (މޮޅު)؛ މީހަކަށް 90 ރުފިޔާ
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު)؛ މީހަކަށް 132 ރުފިޔާ
- އާދައިގެ ފުށް؛ މީހަކަށް 12 ރުފިޔާ
- އާޓާ ފުށް؛ މީހަކަށް 75 ރުފިޔާ


