މިސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ސިޔާސަތު އޮތްގޮތެއް ސާފުކުރުމަށް ހޯމް މިނިސްޓަރ އިމްރާނާއި ސުވާލު ކުރެއްވުމަށް މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމްގެ މެމްބަރު މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤުއެވެ.
ތޯރިޤް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމާމެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ބެލުމަށް، ހޯމް މިނިސްޓަރ އިމްރާން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ރަމަޞާން މަހުގެ ފަހު 10ގެ ތެރޭގައި އެޖެންޑާ ކޮއްދޭނެކަމަށް އެދިލަށްވާ ކަމަށް ތޯރިޤް ވިދާޅުވިއެވެ
ތޯރިގު ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަރުގެ ޙުކުމް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޙުކުމް ތަންފީޒުކުރުމަށް އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖުރާޢަތްތަކެއް ފުރިހަމަވާ ޤައިދީންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކުރުމާމެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ. މީގެ އިތުރުން އެފަދަ ފަރާތްތަކުގެ ޙުކުމް މިސަރުކާރުން ތަންފީޒު ކުރާނެތޯ ވެސް ތޯރިގް ވަނީ ސުވާލުކުރައްވާފައެވެ.
ރާއްޖޭގައި މަރުގެ ހުކުމެއް އެންމެ ފަހުން ތަންފީޒު ކުރީ 1953 ވަނަ އަހަރުގައެވެ.
މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ، އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި، 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި، އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވެ، ގ. ރީފް މުހައްމަދު ނަބީލެވެ.
މަރުގެ އަދަބު ތަންފީޒުކުރުމާބެހޭ އިޖުރާއަތުތައް ކަނޑައަޅައި، 2016 ވަނަ އަހަރުގެ ތެރޭގައި ކުރީ ސަރުކާރުން ވަނީ ގަވާއިދެއް އެކުލަވާލާފައެވެ.


