މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފުރާސްޓްރަކްޗާރ އިން އެދިފައިވާ ގޮތަށް އެމް.އެން.ޑީ.އެފުން ހަނިމާދޫއިން ބޭނުންވާ 2 ބިން ހަވާލުކޮށްފިއެވެ.
އެ މިނިސްޓްރީން 31 މާރޗްގައި ހަނިމާދޫ ކައުންސިލްގައި އެދިފައިވަނީ އެމް.އެން.ޑީ.އެފް ގެ ޖެޓީ އެޅުމަށް ބޭނުންވާ 3600 އަކަފޫޓު އަދި އެމް.އެން.ޑީ.އެފް ގެ ނޮދަރން ހެއްޓްކުވާރޓާ އަޅަން 420،316 އަކަފޫޓު، އެ މިނިސްޓްރީ މެދުވެރިކޮށް އެމް.އެން.ޑީ.އެފް އަށް ހަވާލުކުރަން ބަންޑާރަ ނައިބު ލަފާ ދީފައިވާތީ އެ ދެ ބިން އެ މިނިސްޓްރީއާ ހަވާކުރުމަށެވެ.
އިތުބާރު ހުރި މަސްދަރަކުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު ހަނިމާދޫ ކައުންސިލްގެ ރައީސް އެބިން ދިނުމަށް ދެކޮޅުހެދުމަށްފަހު އިއްޔެ ވަނީ ބިން ހަވާލު ކުރިކަމުގެ ލިޔުން ފޮނުވާފައެވެ.
ކައުންސިލްގެ ރައީސް ލިޔުމުގައި ސޮއިކުރީ ރައީސް ނިސްބަތްވާ އެމްޑީޕީގެ ހަނިމާދޫ އަށް ނިސްބަތްވާ އިސް ފަރާތްތަކާ ހޫނުގަދަ ބަހުގެ ހަމަލާތަކެއް ހަނިމާދޫ ކައުންސިލްގައި ހިނގުމަށް ފަހުއެވެ.
އެލިޔުމުގައިވަނީ ބަންޑާރަ ނައިބުގެ ލަފަޔާއެއްގޮތަށް ބިން ބޭނުން ކުރުމަށާއި ބިން ހަވާލުކުރުމަށް ހަނިމާދޫ ކައުންސިލްގެ އިއުތިރާޒެއް ނެތްކަމަށެވެ.
މިބިން ދިނުމަށް ހަނިމާދޫ ލޭންޑްޔޫސް ޕްލޭނުގައިވެސްް ވަނީ ހިމަނާފައެވެ.


