ރިސޯޓެއްގެ ޕެޓްރޯލް ޓޭންކެއް ކައިރީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެެވެ.
ފުލުހުން ބުނީ ދ އަތޮޅު ރިސޯޓެއްގެ ޕެޓްރޯލް ޓޭންކު ކައިރީގައި މަސައްކަތް ކުރަން އުޅުނު މީހަކު މަރުވެގެން ބިން މައްޗަށް ވެއްޓީފައި އޮއްވާ ފެނިފައިވާ ކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު އިރުއޮއްސި 6:54 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައި ވަނީ ސަންސިޔާމް ވިލުރީފް ރިސޯޓުގައެވެ.
އެމީހާ ފެނިފައިވަނީ ރިސޯޓުން ދެ މިނެޓުގެ ދަތުރަކުން ދެވޭހާ ކައިރީގައި އޮންނަ ޕެޓްރޯލާއި ޖެޓްފިއުލް ރައްކާ ކުރާ ޓޭންކްތައް ހުންނަ ރަށުގެ ޕެޓްރޯލް ޓޭންކު ތެރެއިން ކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވެއެވެ.
އަދި، ޓޭންކުތައް ބަހައްޓާފައި ހުންނަ ރަށަށް އޭނާ ދިޔައީ އިއްޔެ މެންދުރު ކަމަށާއި، ނަމަވެސް އޭނާ ދިޔަ ކަމަށް ރިސޯޓުގެ ސެކިއުރިޓީ ގާޑުންނަށް އެނގިފައި ނުވާ ކަމަށްވެސް މައުލޫމާތު އެނގޭ މީހަކާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.
މީގެއިތުރުން، އޭނާ ފެނިފައިވަނީ ޑިންގީ އެތަނުން ފެނިގެން، ޑިންގީ އެތާ އޮތް ސަބަބު ހޯދުމަށް އެތަނަށް ދިޔުމުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުން ބުނީ، މި މައްސަލަ އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.


