އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހިންގާ ހަތް މަޝްރޫއަކާ ބެހޭ އެއްބަސްވުންތަކުގައި އިއްޔެ ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.
އިންޑިއާގެ ހިލޭ އެހީގައި ރާއްޖޭގައި އަލަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒެއް ޤާއިމުކުރުމާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީ ޔުނިޓަކާއި، ހުޅުމާލޭ ހޮސްޕިޓަލުގައި ޕްރޮސްތެޓިކްސް އެންޑް އޯތޮޓިކްސް މެނިފެކްޗަރިންގ ފެސިލިޓީއެއް ޤާއިމުކުރުން ހިމެނެއެވެ. އަދި ނ. ލަންދޫ މާބުދުގޭ އަދި ތ. ދިޔަމިގިލީ ގަނދުވަރުގައި ޘަޤާފީ ތަންތަން ރައްކާތެރިކުރުމާއި، ނ. މަނަދޫގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމާއި، ގއ.ގެމަނަފުށި އަދި އދ. ދިގުރަށުގައި ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުން ހިމެނެއެވެ.
އަލަށް އިއުލާންކުރި މި މަޝްރޫއުތަކާއެކު އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ އަދަދު 27 އަށް އަރައެވެ. މީގެ ތެރެއިން ‘ވިލުނު’ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރާއި އައްޑޫ މީދޫގައި އިކޯ- ޓުއަރިޒަމް ޒޯން ވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ދާދި ފަހުން ކުރެއްވެވި ދަތުރުފުޅުގައި ޢިފްތިތާޙްކޮށްދެއްވާފައިއެވެ.
އެޗް.އައި.ސީ.ޑީ.ޕީ އިން މަޝްރޫޢުތައް ހިންގާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ މަސްވެރިކަމާއި، އިކޯ-ޓުއަރިޒަމް، ދެމެހެއްޓެނިވި ތަރައްޤީ، ދަނޑުވެރިކަން، ސަޤާފަތާއި ތަރިކަ، ސިއްޙީ، ރަށްރަށުގެ އިންފްރާސްޓްރަކްޗަރ އާއި ތަޢުލީމުގެ ދާއިރާއެވެ. ރާއްޖޭގައި ހިންގޭ އެޗް.އައި.ސީ.ޑީ.ޕީ މަޝްރޫޢުތަކަށް ޖުމްލަ 155 މިލިއަން ދިވެހި ރުފިޔާ ކަނޑައެޅިފައިވެއެވެ.
މި 27 ހައި އިމްޕެކްޓް މަޝްރޫޢުގެ އިތުރުން، އިންޑިއާގެ ފަރާތުން ފޯރުކޮށްދޭ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ދަށުން އިތުރު 18 މަޝްރޫއެއްވަނީ ރާއްޖެއަށް ކަނޑައަޅާފައެވެ. މީގެ ތެރެއިން 15 މަޝްރޫއެއް މިހާރު ވަނީ ނިންމާ ބޭނުންކުރަން ފަށާފައެވެ.


