ރައިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މާދަމާ އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ ރައިސިނާ ޑައިލޮގް އަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އާއި އޮގްޒާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަގުވާމީ ކޮންފަރެންސެކެވެ.
މި މަހުގެ 25 އިން 27 އަށް ނިއުދިއްލީގައި ބާއްވާ މިއަހަރުގެ ކޮންފަރެންސްގައި ނަޝީދު ވާހަކަފުޅުދައްކަވާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެ އެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ އިތުރުން އެގައުމުގެ އިސް އޮފިޝަލުންނާއި ނަޝީދު ބައްދަލުކުރައްވާނެ އެވެ.


