ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގަލޮޅުން ބަވާލަންވީތޯއޭ ވިދާޅުވެ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައީސް ޞާލިހަށް އިންޒާރެއް ދެއްވައިފިއެވެ.
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވެ މިފަދަ އިންޒާރެއް ދެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ، “ހިންނަވަރަށް އީވާ ދިޔާމަ، ފޮނުވައިގެން ބެވީ. ދެން އިބޫ އަށް ގަލޮޅުން އެހެން ހަދަންވީތަ”
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒްގެ ފަހުމީގެ ކެމްޕެއިނަށް އީވާ ހިންނަވަރަށް މިއަދު (24 އޭޕްރީލް)ގައި ވަޑައިގެންފައިވާއިރު، ރައީސް ނަޝީދު ވިދާޅުވީ، ހިންނަވަރަށް އީވާ ވަޑައިގެންނެވުމުން މީހުން ފޮނުވައިގެން ބަވާލާފައިވާ ކަމަށެވެ.
ރައީސް ނަޝީދު، ރައީސް ޞޯލިހަށް އިންޒާރުދޭފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު، ރައީސް ނަޝީދު އަދި އީވާއަކީވެސް ގަލޮޅަށް ނިސްބަތްވާ ދެބޭފުޅުންނެވެ.
ދާދިފަހުންވެސް ރައީސް ނަޝީދު ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި އެހެން ކަމަކާއި ގުޅިގެން ވާހަކަ ދައްކަވާފައެވެ. އެގޮތުން އެމްޑީޕީއަށް މި ވަގުތު އެންމެ ރަނގަޅު ގޮތަކީ “ފެތެމުންދާ” ސަރުކާރާ ފެޔަށް ޖެހި، ސަރުކާރާ އެކީ “ނުފެތުން” ކަމަށާއި މި ސަރުކާރަކީ އެމްޑީޕީގެ ހަމައެކަނި ސަރުކާރެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.


