ނ. ކެނދިކުޅުދޫގެ ގެއަކުން ވަގަށް ނެގި 150،000ރ. ހޯދައި އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކެނދިކުޅުދޫގެ ގެއަކުން ވައްކަންކޮށް، 180،000ރ.އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ބުނެ ފުލުހުންނަށް މައްސަލައެއް ހުށަހެޅީ މި މަހުގެ 16 ގައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ނ. މަނަދޫ އަދި ނ. ލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ވަނީ ހިންގައިފައެވެ. އެ އޮޕަރޭޝަންގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކުރިއެވެ.
ފުލުހުން ބުނީ އޭނާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ ތެރެއިން 150،000ރ. ފެނިފައި ވަނީ ކެނދިކުޅުދޫ ވަލުތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.
މި އޮޕަރޭޝަނަށް ރައްޔިތުންގެ ފަރާތުން އެހީތެރިކަން ލިބުނު ކަން ފުލުހުން ފާހަގަކުރިއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމަން މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 15 ދުވަސް ވަނީ ދީފައެވެ.


