އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދު ކުރެއްވުމަށް އެޑިކޭޝަން މިނިސްޓަރު އައިޝަތު އަލީ ނިންމަވައިފިއެވެ.
އައިޝަތު އަލީ ފަޔާއަށް ތާއީދުކޮށް، ވަނީ ފަޔާއާއިއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. އަދި ކެނޑިޑޭޓް ނަންބަރު 2 ފަޔާއަށް ވޯޓު ދެއްވުމަށް ވަނީ އެދިފައެވެ.
ވަޒީރުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ގިނަ ވަޒީރުންގެ ތާއީދު އޮތީ ފަޔާއަށެވެ. އެގޮތުން މި ވަޒީރުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ވަޒީރުންގެ ތެރެއިން ފަޔާއަށް މިއަދު ތާއީދު ކުރި ދެވަނަ ވަޒީރެވެ. މީގެ އިރުކޮޅެއް ކުރިން އެންވާރުމެންޓް މިނިސްޓަރ އައިޝަތު ޝައުނާވެސް ވަނީ ފަޔާއަށް ތާއީދުކޮށްފައެވެ.
ސަރުކާރުގެ ގިނަ މިނިސްޓަރުންގެ ތާއިދު އޮތީ ފައްޔާޒަށެވެ. އެގޮތުން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބެ، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަނީ ފައްޔާޒަށް ތާއިދު ކުރައްވާކަން އިއުލާން ކުރައްވާފައެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ފައްޔާޒުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވައެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކާއި، ބޯޑުތަކުގައި ތިއްބެވި އެމްޑީޕީގެ އިސްބޭފުޅުންވެސް ދަނީ ފަޔާގެ ކެމްޕެއިންގައި ބައިވެރިވަމުންނެވެ.


