ރައީސް ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މޭއި މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާގެ ރޭވުންތައް ފޮރުވުމުގައި ސަރުކާރަށް އެންމެ ބޮޑަށް ވާގިވެރިވާ އެއްފަރާތަކީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަންދުން ހުސެއިން) ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ދިން ހަމަލާ އާއި ގުޅޭ ތަހުގީގުގެ ކަންކަން ފޮރުވުމަށް އަނދުން ހުސެއިން އުޅުއްވާ ކަމަށެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވުމުން ހުސެއިން ވަނީ، އެ ބޭފުޅާއަކީ އެފަދަ ކަމެއް ކުރެއްވޭނެ ބޭފުޅެއް ނޫންކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށްވިދާޅުވެފައެވެ. އެހެން ވިދާޅުވުމުން ރައީސް ނަޝީދު އަނެއްކާވެސް ހުސެއިން އަށް ރައްދު ދެއްވައެވެ.
“އަޅުގަނޑަށް އެނގޭތީ މިދަންނަވަނީ، މިކަން ފޮރުވުމުގައި ސަރުކާރަށް ވާގި ދެއްވާ އެއް ބޭފުޅަކީ އަނދުންގޭ ހުސެއިން” ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ އެވާހަކަތަކާއި ގުޅިގެން އަނދުން ހުސެއިން ވަނީ މީހުންގެ ބޮލުގައި ކަންކަން އަޅުވާއިރުވެސް ހައްދެއް އޮންނަންވާނެ ކަމަށާއި އެއީ ވަކި ކެނޑިޑޭޓަކަށް ތާއީދު ނުކުރުމުން އަޅުވަން ޖެހޭ ބަދުނާމެއް ނޫންކަމަށް ވިދާޅުވެފައެވެ. އެމްޑީޕީ ގެ ޗެއަރޕާސަން ހޮވުމުގެ އިންތިހާބުގައި ހުސެއިން ތާއީދު ކުރައްވަނީ ރައީސް ސޯލިހުގެ ކެނޑިޑޭޓު ފައްޔާޒު އިސްމާއިލް އަށެވެ.
ހުސެއިން އެހެން ވިދާޅުވުމުން ނަޝީދު ވަނީ އަނިޔާވެރިކަމަށްވެސް ހައްދެއް އޮންނަންވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި އަނެއްކާވެސް ކުރިން ކުރެއްވި ތުހުމަތު ތަކުރާރު ކުރެއްވިއެވެ.
“މާތް ރަސްކަލާނގެ ގަންދީ ހުވާކޮށް އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑަށް އެނގިފައިވާ މިންވަރުން، އަޅުގަނޑު މަރާލަން ރޭވި ރޭވުން ފޮރުވަން ސަރުކާރަށް ވާގި ދެއްވާ އެއްބޭފުޅަކީ ތިބޭފުޅާ އާއި އާރުކާޓީ” ނަޝީދު ވިދާޅުވިއެވެ.


