ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އެމްޓީސީސީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގައި ބަނދަރުގެ އެއްގަމު ތޮށި މުޅިން މަރާމާތުކުރުން ހިމެނެއެވެ. އެއީ 320 މީޓަރުގެ އެއްގަމު ތޮށްޓެކެވެ. މީގެއިތުރުން 232 މީޓަރުގެ ބޭރު ތޮށި ލުމާއި، 35 މީޓަރުގައި ރިވެޓްމަންޓްޖެހުން ހިމެނެއެވެ. ބަނދަރު ހަދަނީ އެއްގަމު ތޮށްޓާއި ބޭރުތޮށި ގުޅާލުމަށް ކުޑަ ބްރިޖަކާއެކުއެވެ. އެއީ 26މީޓަރު ދިގު، 2 މީޓަރު ފުޅާ ބްރިޖެކެވެ.
މީގެއިތުރުން 1600 އަކަމީޓަރުގެ ސަރަޙައްދުގައި ޕޭމަންޓް ހެދުމާއި ރޭގަނޑުވެސް ބަނދަރު ފަސޭހައިން ބޭނުން ކުރެވޭނެހެން އަލިކުރުމަށް ބަނދަރުގައި ބަނދަރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް، (އީއައިއޭ)ގެ މަސައްކަތްތައްވެސް މީގެތެރޭގައި ހިމެނެއެވެ.
މި މަސައްކަތް ޙަވާލުކޮށްފައިވަނީ 1އަހަރުން ނިންމާގޮތަށް، 38.41 މިލިއަން ރުފިޔާއަށެވެ.


