އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުމުގެ އުސޫލު އާންމުކޮށްފި

ފަހުގެ ސިޔާސީ

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުމުގެ އުސޫލު އާންމުކޮށްފިއެވެ.

މިއަދު ނެރުނު އުސޫލުގައިވާ ގޮތުން ވޯޓުލާން އަންނަ އެއްވެސް މީހަކު ވޯޓުލުމަށްފަހު، އޭނާ ވޯޓުލާން ދިޔަ މަރުކަޒުގައި މަޑުކުރުން ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން، ކެމްޕޭނުގެ ގޮތުގައި ބެލެވޭ އެއްވެސް ހަރަކާތެއް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. ހަމައެހެންމެ، ކެންޑިޑޭޓަކު ވެސް ވޯޓުލާން މެނުވީ މަރުކަޒަށް ވަނުމާއި އެތަނުގައި މަޑުކުރުން ވަނީ މަނާކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި، ވޯޓުލުމަށްފަހު ކަރުދާސްކޮޅުގައި ޖަހާ ފާހަގަ އެއްވެސް މީހަކަށް ދެއްކުން ވެސް މިއަދު ނެރުނު އުސޫލުގައި ވަނީ މަނާކޮށްފަ އެވެ. އެ އުސޫލުގައި ވަނީ ވޯޓު ކަރުދާސްކޮޅު ހިފައިގެން މަރުކަޒުން ބޭރަށް ނުނުކުމެވޭނެ ކަމަށް ވެސް ބަޔާންކޮށްފަ އެވެ.

މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން ވޯޓުލާ ނިމޭތާ 15 މިނެޓު ތެރޭ ވޯޓު ފޮށިތައް ގުނަން ފަށާނެ އެވެ. އަދި، އެއަށްފަހު ނަތީޖާ ވޯޓުލާ މަރުކަޒުގައި އާންމުކުރަން ވަނީ ހަމަޖެހިފަ އެވެ.

މި އުސޫލުގަިއ ވަނީ ވޯޓުލާ ސަރަހައްދުގައި ހަރަކާތްތެރިވާން ޖެހޭ ގޮތާއި، ވޯޓު ސައްހަ އަދި ބާތިލްވާނެ ގޮތުގެ އިތުރުން ވޯޓު ގުނުމުގައި އަމަލުކުރާނެ އުސޫލުވެސް އާންމުކޮށްފައެވެ.

ބާތިލް ވޯޓު:


* އިންތިހާބާ ބެހޭ ކޮމިޓީން ތައްޔާރު ކޮށްފައިވާ ވޯޓު ކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓު

* އެއްވެސް ފާހަގައެއް ޖަހާފައި ނުވާ ވޯޓު

* އިންތިހާބުކުރަން ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ފާހަގަ ޖަހާފައިވާ ވޯޓު

* ރަނގަޅު ފާހަގަ ފިޔަވައި އެހެން ފާހަގަ ޖަހާފައިވާ ވޯޓު

*ގަވާއިދާ ހިލާފަށް ދީފައިވާ ވޯޓުކަން އެނގޭ ވޯޓު

* މިނޫންވެސް ޕާޓީގެ އެހެން ގަވާއިދެއްގައި ބާތިލު ވޯޓު ކަމަށް ކަނޑައަޅާފައިވާ ވޯޓު

ބާތިލް ވޯޓެއް ކަމަށް ކަނޑައެޅުމުގައި ވޯޓު ގުނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންގެ ނިންމުމާމެދު ޝަކުވާ ކުރުމުގެ ހައްގު ވޯޓު ގުނާ ތަނުގައި ހާޒިރުވެ ހުންނަ ކެންޑިޑޭޓަށް ނުވަތަ ކެންޑިޑޭޓުގެ މަންދޫބަށް ލިބިގެންވާ ކަމަށް އެ އުސޫލުގައި ބުނެ އެވެ.

އަދި، ބާތިލް ވޯޓެއް ކަމަށް ކަނޑައެޅުމުގައި ހިލާފެއް އުފެދިއްޖެ ހިނދެއްގައި އެވޯޓު އެއީ ބާތިލް ވޯޓެއްކަން ނުވަތަ ބާތިލް ވޯޓެއް ނޫންކަން ކަނޑައަޅާނީ ވޯޓުލާ އެމަރުކަޒަށް އިންތިހާބާބެހޭ ކޮމިޓީން އައްޔަން ކޮށްފައިވާ އިސްމީހާ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ