ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާގެ މައްސަލައިގެ ތަހުގީގާއި ދައުވާ ކުރުމުގެ ކަންތައް ހިނގަމުން ދިޔައީ އެކަމަށް ގާނޫނުތަކުގަ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ގާނޫނުގައި ކަނޑައަޅާފައި އޮތް އުސޫލުގެ ތެރެއިން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.
ޕީޖީން ނެރުނު ބަޔާނެއްގައި ވަނީ ހެކި ހޯދުމާއި ހެކި ވަޒަންކުރުމާއި، ކޯޓަށް ދައުވާ ހުށަހަޅަން ތައްޔާރުކުރުމާއި، އެ ހުރިހާ ކަމެއް ހިނގައިދިޔައީ ފުލުހުންގެ ތަހުގީގު ޓީމުތަކާއި ޕީޖީގެ ޓީމާއެއްކޮށް މަސައްކަތްކޮށްގެން ކަމަށެވެ.
އަދި އެ މައްސަލައަށް ޚާއްސަކޮށްފައިވާ ޕްރޮސިކިއުޓަރުންގެ ތެރެއިން 2 މީހަކު ހުރިހާ ވަގުތެއްގައި ފުލުހުންނާ އެއްކޮށް މަސައްކަތްކޮށްފައިވާކަން ހާމަކޮށް ޕިޖީން ބުނީ މައްސަލަ ދިރާސާކުރުމުގެ މަރުހަލާގައި މައްސަލައަށް ބޭނުންވާ ވަރަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ލިބެން ހުރި ވަސީލަތްތައް ފުރިހަމައަށް ބޭނުންކޮށްފައިވާނެ ކަމަށެވެ.
އެގޮތުން އެމެރިކާ އާއި އިނގިރޭސިވިލާތާއި، އޮސްޓްރޭލިޔާ އާ އެހެނިހެން ގައުމުތަކުގެ ފަންނީ އެހީތެރިކަން އެ މަސައްކަތުގައި ލިބުނު ކަމަށާއި އަދި ކުރިއަށް އޮތްތަނުގައިވެސް ހޯދާނެ ކަމަށްވެސް ޕީޖީން ބުންޏެވެ.
މީގެ އިތުރުން ޕީޖީ އޮފީހުގެ ބަޔާނުގައި ވަނީ ހެކިތަކުގެ ހަރުދަނާކަމާމެދު ގޮތެއް ނިންމުމަކީ ކޯޓުތަކާ މަތިކުރެވިފައި ގާނޫނީ ޒިންމާއެއް ކަމަށައި އެ ފުރުސަތު ކޯޓުތަކަށް ލިބިދޭންވާނެ ކަމަށެވެ.
އަދި އެ މައްސަލައިގެ ތަހުގީގު ގާތުން ބެއްލެވުމަށް ސަރުކާރުން އައްޔަން ކުރެއްވި ސްޕެޝަލް އެންވޯއީ އައްބާސް ފާއިޒު ވެސް ގެންދެވީ ތަހުގީގުގެ ކަންކަން ގާތުން ބައްލަވުން ކަމަށާއި ދައުވާ ކުރުމުގެ މަރުހަލާތަކުގައި އެމަނިކުފާނުގެ ކަންބޮޑުވުމެއް މިވަގުތު ނެތްކަމަށް އޭނާ އޮތީ ވިދާޅުވެފައި ކަމަށްވެސް ޕީޖީން ބުނެއެވެ.
ޓެރަރިޒަމްގެ ގާނޫނަށް އެންމެ ފަހުން ގެނެވުނު ބަދަލުތައް ނިޔާކުރާ ގޮތުން ޓެރަރިޒަމްގެ މައްސަލައެއްގައި ނުވަތަ ހާދިސާ ހިނގިފަހުންވެސް ހެކި ލިބިއްޖެނަމަ އެ މައްސަލައެއްގައި ދައުވާ ކުރުމަކަށް ހުރަހެއް ނެތް ކަމަށާއި މިހާރު ވަކި މީހެއްގެ މައްޗަސް ދައުވާ ކުރެވިފައި ނެތުމަކީ އެ މީހެއްގެ މައްޗަށް ފަހުން ލިބޭ ހެއްކެއްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމުގެ ހުއްޖަތެއް ނޫންކަން ބަޔާނުގައިވެއެވެ.
އެހެންކަމުން އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު ނުވަތަ ހައްޔަރު ނުކުރި ނަމަވެސް މިހާރު ކުރިއަށްދާ ތަހުގީގުތަކުން ހެކި ލިބޭ ބައެއްގެ މައްޗަށް ލިބޭ ހެކިތަކެއްގެ މައްޗަށް ބަލައި ދައުވާ ކުރުމާމެދު ޕީޖީން ގޮތެއް ނިންމާނެ ކަމަށްވެސް އެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.
އެ ހަމަލާ ދިނުމުގަ އިސްކޮށް ހަރަކާތްތެރިވި މީހަކު، ތަހުގީގާއި ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފް ވެފައިވާ ކަމަށާއި އޭނާގެ މައްޗަށް ހުކުމްކޮށް އެ ހުކުމް މިހާރު ތަންފީޒުކުރަމުންދާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.


