މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ހެނދުނު 9 އިން ހަވީރު 4 އަށް ކުރިޔަށް ދާނެކަމަށް އެމްޑީޕީން ބުނެފިއެވެ.
މާދަމާ ތިން އިންތިހާބެއް ބާއްވާ އިރު އެއީ އެޕާޓީގެ ޗެއާޕާސަން އިންތިހާބާއި އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިހާބެވެ. މި އިންތިހާބުގައި 94،000 އަށްވުރެ ގިނަ މީހުން ވޯޓުލާނެ ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލާން ޝަރުތު ހަމަވާ ކޮންމެ މީހަކަށް ވޯޓުލެވޭއިރު، އަންހެނުންގެ ރޫހުގެ އިންތިހާބުގައި ވޯޓު ލެވޭނީ އެމްޑީޕީގެ އަންހެން މެމްބަރުންނަށެވެ. އަދި ޒުވާނުންގެ ހިތްވަރަށް ވޯޓު ލެވޭނީ މެއި 14 ވަނަ ދުވަހާއި ހަމައަށް 35 އަހަރު ނުފުރޭ އެމްޑީޕީގެ މެމްބަރުންނަށެވެ.
މި އިންތިހާބުގައި ޖުމްލަ 282 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
ހަނިމާދޫގައި ވޯޓް ފޮށި ބަހައްޓާފައި ހުންނާނީ ހަނިމާދޫ ސްކޫލް ހޯލްގައި ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.


