މާލޭ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކަށް ދަރިވަރުން ވަނުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ 2022-2023 ދިރާސީ އަހަރު މާލޭ ސަރަޙައްދު ސަރުކާރު ސްކޫލުތަކުގެ ގްރޭޑް 1 އަށް ކުދިން ވެއްދުމަށް ފޯމު ހުށަހެޅުން ފުރުޞަތު ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ހުޅުވާލާފައި ކަމަށެވެ.
މީގެ އިތުރުން މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލުތަކުގެ އެހެނިހެން ގްރޭޑްތަކަށް ޖާގަ ހޯއްދެވުމަށް ފޯމު ހުށަހެޅުއްވުމުގެ ފުރުޞަތު ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުޅުވާލާނެކަމުގައި ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މާލޭ ސަރަޙައްދު ސަރުކާރު ސްކޫލުތަކުން ޖާގަ ހޯއްދެވުމަށް އެދި ފޯމް ހުށަހަޅަން ޖެހޭނީ އޮންލައިންކޮށެވެ.
ސްކޫލަށް ވައްދާ ނުވަތަ ބަދަލުކުރާ ދަރިވަރާ ގުޅުން ހުރި، މާލޭ ސިޓީގެ ސަރުކާރު ސްކޫލް ތަކުގައި ކިޔަވާ (އެއްބަނޑު އެއްބަފާ، އެއްބަފާ، އެއްބަނޑު) ދަރިވަރުންގެ އަދަދު ފޯމްގައި ޖަހަން ޖެހޭނެއެވެ. އޭގެ އިތުރުން ދަރިވަރާއި ބެލެނިވެރިޔާގެ މައުލޫމާތާއި އައިޑީކާޑުގެ ކޮޕީ ފޯމްގައި ހިމަނަން ޖެހޭނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ތައުލީމީ ކަލަންޑަރަށް ބަދަލު ގެންނަން ޖެހުމުން މިހާރު ދިރާސީ އަހަރު ފަށާނީ ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުއެވެ.


