ފިހާރަތަކުން ވިޔަފާރިކުރާއިރު ދޭ ޕްލާސްޓިކު ކަތޮޅު ވިއްކުން ލާޒިމުކުރާ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ސަރުކާރުގެ ފަރާތުން ހުށަހަޅައިފިއެވެ.
ކުނި މެނޭޖުކުރުމުގެ ބިލުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދެވެ. އެ ބިލުގައިވާ ގޮތުން، އެ ބިލު މަޖިލީހުން ފާސްކޮށް ތަސްދީގުކުރާތާ 30 ދުވަސް ތެރޭގައި ވިޔަފާރި ހަރަކާތުން ޕޮއިންޓް އޮފް ސޭލްގައި ފޯރުކޮށްދޭ ޕްލާސްޓިކު ކޮތަޅުން ކަސްޓަމަރުންގެ އަތުން 2 ރުފިޔާ ނަގަން ޖެހޭނެއެވެ.
އަދި އެ ބިލުގައި އޮންނަ ގޮތުން ފިހާރައިން ކަސްޓަމަރަށް ދޫކުރާ އިންވޮއިސް ނުވަތަ ރަސީދުގައި ކަސްޓަމަރުގެ އަތުން ޕްލާސްޓިކް ކޮތަޅަށް ނެގި ފައިސާގެ އަދަދު ހިމެނުން ލާޒިމުވާނެއެވެ.
ކޮތަޅު ހިލޭ ލިބޭނެ ފަސް ހާލަތެއް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ. ޑިއުޓީ ފްރީ ފިހާރަތަކުން ކުރާ ވިޔަފާރިއާއި ބަންދުނުކޮށް ހުންނަ ތާޒާ މަސް އަޅަން ބޭނުންކުރާ ކޮތަޅާއި، ބަންދުނުކޮށް ހުންނަ ކާޑުގެ ބާވަތްތައް އެޅުމަށް ބޭނުންކުރާ ކޮތަޅާއި ފަންސާހަށްވުރެ ގިނަ ކޮތަޅު އެކުލެވޭ ކޮތަޅު ބޮނޑިއާއި ކުންނި މެނޭޖުކުރާ ފަރާތްތަކަށް ވިއްކާ ކަޅު ކޮތަޅުން އަގެއް ނެގުން ލާޒިމުނުވާނެއެވެ.
މި ބިލުގައިވާ ގޮތުން ކޮތަޅު ވިއްކައިގެން ކޮންމެ ކޮތަޅަކުން އެއްކުރާ ދެ ރުފިޔާއަކީ ވިޔަފާރިތަކުން މީރާއަށް ދައްކަންޖެހޭ ފައިސާއެވެ. ކަސްޓަމަރުން އަތުން ކޮތަޅު ވިއްކައިގެން ދެ ރުފިޔާ ނުނަގާ ވިޔަފާރިތައް 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ ކަމަށް އެބިލުގައި ބަޔާންކޮށްފައިނުވެއެވެ.
ކޮތަޅު ވިއްކައިގެން ނަގާ ފައިސާގެ އަދަދުގެ ސައްހަކަން ކަށަވަރުކުރަން ޤާނޫނަށް އަމަލުކުރާތާ ހަ މަސް ތެރޭގައި ކަމާބެހޭ މިނިސްޓްރީން ޤަވާއިދެއް އެކުލަވައިލަން ޖެހޭނެއެވެ.


