ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ އެވެ.
ކަރެކްޝަންސް ސާވިސް އިން ބުނީ މަރުވެފައިވަނީ އއ. ހިމަންދޫ ހެޕީ ރެސްޓް ޢަލީ މުޙައްމަދު ،58، އެވެ.
އެގޮތުން އޭނާ މަރުވީ ޔުނިޓް ތެރޭގައި ހުއްޓާ ނޭވާލުމުގައި އުނދަގޫތަކެއް އިޙްސާސްކުރުމުން ޖަލުގެ މެޑިކަލް ސެންޓަރުން ފަރުވާ ދިނުމަށްފަހު، ޙާލަތު ގޯސް ވާތީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިއަދު 15:20 ހާއިރު ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.
ޢަލީ މުޙައްމަދަކީ ކުޑަ ކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގައި 10 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުން ދިޔަ މީހެކެވެ.
ޢަލީ މުޙައްމަދު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާނެ ކަމަށް ކަރެކްޝަންސް އިން މައުލޫމާތުދެ އެވެ.


