މަންކީޕޮކްސްގެ ދިވެހި ނަމަކަށް “މަކުނުވިދުރި”

ޚަބަރު ފަހުގެ

ދުނިޔެއަށް ފެތުރެމުންދާ “މަންކީޕޮކްސް” ވައިރަސް އަށް ކިޔާނެ ދިވެހި ނަމެއް ދިވެހިބަހުގެ އެކެޑަމީން ހަދައިފި އެވެ.

އެގޮތުން މަންކީޕޮކްސް އަށް ދީފައިވާ ދިވެހި ނަމަކީ “މަކުނުވިދުރި” އެވެ. މަންކީޕޮކްސްގެ ބަދަލުގައި މަކުނުވިދުރި ބޭނުންކުރުމަށް ވެސް އެކެޑަމީން ވަނީ އެދިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ވައިރަސް އަދި ރާއްޖެއިން ފެނިފައެއް ނުވެ އެވެ. ނަމަވެސް މި ވައިރަސް އަކީ ރާއްޖެއިން ފެނިދާނެ ވައިރަސްއެއް ކަމަށާއި އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މަންކީޕޮކްސް ފެތުރެން މެދުވެރި ވަނީ ހަށިގަނޑުގެ ތެތްކަމެވެ. ދަލާއި ކުޅާއި އަދި ބަލިޖެހިފައި ހުންނަ މީހެއްގެ ގައިން ނުކުންނަ އެހެން ތެތްކަމަކުން ވެސް މިބަލި ފެތުރިގަނެ އެވެ. ބަލިޖެހިފައި ހުންނަ މީހަކު ބޭނުންކުރާ ތުވާއްޔާއި ނިދާ އެނދު އަދި ގެންގުޅޭ ސްމާޓްފޯނަކީ ވެސް ބަލި ފެތުރުމަށް މެދުވެރިއަކަށް ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގެ ސްޓްރެޓީޖިކް އެންޑް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ރައީސް، ޑޭވިޑް ހޭމާން ވިދާޅުވި ގޮތުގައި އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި މިހާރު އެ ބަލި ޖެހިފައިވާ މީހުންނަށް ބަލި އެރި ގޮތެއް ދެނެގަތުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މަސައްކަތް ކުރަމުން އަންނަނީ، ބަލި އެރީ ޖިންސީ ގުޅުމުގެ ޒަރީއާއިން ކަމަށް ލަފާކޮށްގެން ކަމަށެވެ. އެ ޖަމިއްޔާ އިން އެ ގޮތަށް ލަފާކުރާ މައިގަނޑު ސަބަބަކީ، ވިލާތުގެ ގައުމުތަކުގައި މިހާރު މަންކީޕޮކްސް ޖެހިފައިވާ ގިނަ މީހުންގެ ގައިގައި އެ ބަލި ހުރިކަން ދެނެގަނެވިފައިވަނީ، ޖިންސީ މައްސަލަތަކަށާއި ޖިންސީ ގުނަވަތްތަކަށް ޖެހޭ ބަލިތަކަށް ފަރުވާކުރާ ކްލިނިކްތަކުން ކަމަށް ވާތީ އެވެ.

އެ ފަދަ ކްލިނިކްތަކަކީ، އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް މެދުވެރިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށް ޚާއްސަ ތަންތަނެވެ. އަދި ކްލިނިކްތަކުން ކުރި ޓެސްޓުތަކުން، މަންކީޕޮކްސް ޖެހިފައިވާ ކަން ޔަގީން ކުރެވުނު މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނާ އެކުގައި ޖިންސީ ގުޅުން ހިންގައި އުޅޭ ފިރިހެނުންނެވެ. އެއް ޖިންސުން ގުޅުން ހިންގާ އަންހެނުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ