އިންޑިއާ އަސްކަރިއްޔާއިން އެމްއެންޑީއެފަށް އަސްކަރީ ފީލްޑްގެ ދެ އެމްބިއުލާންސް ހަދިޔާކޮށްފި އެވެ.
ބަނޑާރަކޮށީގައި އޮންލައިންކޮށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެމްބިއުލާންސްތައް އިންޑިއާގެ ފަރާތުން އެމްއެންޑީއެފާ ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މަހޭޝް ޗަންދްރާ އެވެ. އެމްއެންޑީއެފްގެ ފަރާތުން މި އެމްބިއުލާންސްތަކާ ހަވާލުވެލެއްވީ އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ދެއްކެވި ވާހަަކަފުޅުގައި މި އެމްބިއުލާންސްތަކުގެ ސަބަބުން އެމްއެންޑީއެފް މެޑިކަލް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ދިވެހި އަސްކަރިއްޔާގެ ކުރިއެރުމާއި ތަރައްޤީއަށް އިންޑިއާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އިންޑިއާއަށް ޝުކުރު އަދާކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދުގެ ވާހަކަފުޅުގައި ވެސް އެމްއެންޑީއެފްގެ މެޑިކަލް ކޯރއަށް މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ.


