ކޮފީ ހަޓް ފުޓުސަލް ޓޯރނަމަންޓް ގައި ބައިވެރި ވުމުގެ ފުރުސަތު މި މަހު 25 ށް ހަމަވާނެއެވެ. މިއީ މިކެފޭގެ ފަރާތުން އިންތިޒާމްކުރާ ފުރަތަމަ ޓޯރނަމަންޓް އެވެ.
މި ޓޯރނަމަންޓް ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރަމުން އަފީފު ވިދާޅުވީ މުރައިދޫގެ އުމުރުން 16 އަހަރުން މަތީގެ ފިރިހެނުނަން އަމާޒު ކޮށްގެން ބާއްވާ ޓޯރނަމަންޓް ކަމަށެވެ. އިސްކޫލް ދަރިވަރުންނަށް ބައިވެރިވެވޭނީ ސުކޫލުން ހުއްދަ ނަގައިގެން ކަމަށެވެ.
ހއ. މުރައިދޫގެ ބަނދަރު ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ހިތްގައިމު “ކޮފީ ހަޓް” ވުޖޫދަށް އައިސްފައިވަނީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. އާބާދީގައި 700 ވުރެށް ގިނަ މީހުން ދިރިއުޅޭ މުރައިދޫ ގެ ރައްޔިތުންގެ މޫނުތަކަށް ހިނިތުން ވުންގެނެސް ދިން މިކެފޭ ފަރުމާ ކުރީ އަފީފާއި އޭނާގެ ކޮއްކޮ އެވެ.
މި ކެފޭގައި ދިވެހިންގެ އިހު ޒަމާނުގެ ސަގާފަތް ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ ހަޓްތަކާއި، އުނދޯލިގެއާއި، ޓްރީ ހައުސް އަކީ ވަރަށް ހިތްގައިމުކޮށް ތައްޔާރުކޮށް، ކަސްޓަމަރުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިއްބައިދޭނެ މާޙައުލެއްކަން ގައިމެވެ. މި ތަން އިމާރާތްކުރުމަށް ބޭނުންކޮށްފައިވާ ލަކުޑިއަކީ ޖުމްލަކޮށް ބަލާއިރު، ރަށުތެރޭގައި އެކިކަންކަމުގައި ބޭނުންކޮށް އުކާލާފައިވާ ލަކުޑިފަދަ ތަކެއްޗެވެ. މާލެއިން ގަނެގެން ގެނެސް ބޭނުންކޮށްފައިވާނީ ވަރަށް މަދު ބައެއްކަމުގައި ގޮށްކޮޅަށް މަޢުލޫމާތު ދެއްވަމުން އަފީފު ބުނެފައިވެއެވެ.

މި ކެފޭގައި ކަސްޓަމަރުންގެ އެންމެ ގަޔާވާ ތަނެއްގެ ގޮތުގައި މިހާތަނަށް ފާހަގަކުރެވިފައިވަނީ އުނދޯލިގެއާއި ޓްރީހައުސް އެވެ. މި ދެތަނުގެ ޑިމާންޑް ބޮޑުކަމުން ޖާގައެއް ހޯދަން ޖެހެނީ ކުރިން އޯޑަރ ކޮށް އެ ތަންތަން ރިޒާވް ކޮށްގެންނެވެ.

“މިތަނުން ޕާޓި ތަކަށް ވެސް ކޭޓަރ ކޮށްދެން. ޕާޓީ ތަކަށް ބޭނުންވާ ކޭކު ވެސް އޯޑަރު ދެއްވީމައި ފަރުމާކޮށް ތައްޔާރު ކޮށްދެން. ރޭގަންޑު 11 ޖެހުމާހަމަޔަށް އޯޑަރު ނަގަން.” އެތަނުގެ އެއް ހިއްސާދާރު ކަމުގައިވާ އަފީފު ވިދާޅުއެވެ.


