މާލެއާއި ތިލަފުށި ގުޅާލުމަށް އަޅާ ބްރިޖު މަޝްރޫއުގެ ދަށުން އަންނަ އަހަރު މާލެ އާއި ވިލިނގިލިއާ ދެމެދު ދަތުރުކުރަން ފެށޭނެ ކަމަށް ބްރިޖް މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރ އިން ބުނެފި އެވެ.
އިންޑިއާ އަށް މިހާރު ޒިޔާރަތް ކުރަމުންދާ ނޫސްވެރިންނާއެކު މިއަދު އެފްކޯންސް އިން ބައްދަލުވުމެއް ބޭއްވިއިރު އެ ބައްދަލުވުމުގައި ވަނީ ބްރިޖް މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.
އެގޮތުން ބްރިޖް މަޝްރޫއުގެ ޖިއޯޓެކްނިކަލް ސާވޭތަކުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ބްރިޖާއި ގުޅޭ މަގުތަކާއި އެހެނިހެން މަސައްކަތްތައް ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށް އެފްކޯންސް އިން ބުނެ އެވެ. މި މަސައްކަތްތައް ކުރުމަށް މިވަގުތު 585 މީހުންގެ ޓީމެއް ހަރަކާތްތެރިވާއިރު ކުރިއަށް އޮތް ހަތަރު މަސްތެރޭގައި އެ އަދަދު 900 އަށް އިތުރުކުރާނެ ކަމަށް އެފްކޯންސް އިން ހާމަކުރެ އެވެ.
ބްރިޖް މަޝްރޫއު އަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ސައިޓަށް ގެންގޮސްފައިވާއިރު، ތާވަލަށް މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެފްކޯންސް އިން ބުނެ އެވެ.
އެފްކޯންސް އިން ބުނިގޮތުގައި އަންނަ އަހަރުގެ ޖުލައިގައި މާލެއާ ވިލިނގިލިއާ ދެމެދު ދަތުރުކުރަން ފެށޭނެ އެވެ. އަދި 2024 ގެ ނިޔަލަށް ބްރިޖް މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް އެފްކޮންސްއާއެކު ސަރުކާރުން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ. މިއީ މި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ އެންމެ ބިޔަ މަޝްރޫއެވެ.


