ކުނި ވަކިކޮށް ބެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުގެ ހަރަދުގައި ރައްޔިތުންނަށް ދިނުން މުހިންމު ކަމަށް މާލޭ ސިޓީގެ މެޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޭޔަރު މުއިއްޒު އެހެން ވިދާޅުވީ މިއަދުން ފެށިގެން އެކި ބާވަތްތަކުގެ ކުނި ވަކިކޮށް އުކާލަން ޖެހޭގޮތަށް ވެމްކޯއިން އުސޫލު ބަދަލު ކުރުމާއި ގުޅިގެނެވެ.
މުއިއްޒު ވިދާޅުވީ ރީ ސައިކަލް ކުރަން ޖެހޭނެ ކަމަށާއި ދިމާވެށި ހިމާޔަތް ކުރުން ވަރަށް މުހިންމު ކަމަށެވެ. ނަމަވެސް ރަށްޔިތުންގެ މަށްޗަށް ކަންކަން ލާޒިމު ކުރާއިރު ޕްލޭން ކޮށްގެން ރަށްޔިތުންނަށް އުފުލޭ ވަރުގެ ބުރައެއް ހަވާލު ކުރުން މުހިންމު ކަމަށެވެ.
މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި އުކާލަން ނެރޭއިރު، ނެރެންވާނީ ވަކިކޮށްގެން ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން ވަނީ ނިންމާފައެވެ.
މިގޮތަށް ކުނި ވަކިކުރުމަށް ނިންމާފައި ވަނީ، ކުނި މެނޭޖްކުރުމުގައި އަދި ވެމްކޯގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލުއިވާނެ ގޮތަކަށް ވިސްނާފައި ކަމަށް އެކުންފުނިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
ކުނި ވަކިކުރުމަށް ނިންމާފައި ވަނީ ތިން ބަޔަކަށެވެ. އެެއީ ކުނިވާ ޒާތުގެ ކުުންޏާއި، ޕްލާސްޓިކް ފުޅި ކުނި އަދި އެހެނިހެން ކުންޏެވެ.
ކުނިވާ ޒާތުގެ ކުނީގެ ތެރޭގައި، ހިމެނެނީ ބޭނުންކޮށްފައި އުކާލާ ޓިޝޫފަދަ ތަކެއްޗާއި، ކުނިވެފައި ހުންނަ ކާނާގެ ބާވަތްތަކާއި ފަތްކުނި އަދި، ނެޕީއާއި ޕެޑު ފަދަ ތަކެއްޗެވެ. ޕްލާސްޓިކް ކުނީގެ ތެރޭގައި ހިމެނެނީ ޕްލާސްޓިކް ފުޅިއާއި ދަޅުފަދަ ތަކެއްޗެވެ.
އެހެނިހެން ކުނީގެ ތެރޭގައި، ގެއިން އުކާލާ ފޮށިގަނޑުތަކާއި، ދަގަނޑުގެ އެކި ބާވަތްތަކާއި، ބިއްލޫރި، އަދި ޕްލާސްޓިކްގެ ބައެއް ބާވަތްތައް ހިމެނެއެވެ. ބިއްލޫރި އުކާއިރު ހުންނަންވާނީ އޭގެ ސަބަބުން މީހުންނަށް ގެއްލުން ނުވާނޭހެން ބަންދުކުރެވިފައި ކަމަށް ވެމްކޯއިން ވަނީ ވިދާޅުވެފައެވެ.
ކުނި ވަކިކޮށްގެން ނެރުމުގެ ސިޔާސަތައް މިއަދުން ފެށިގެން މާލޭގައި އަމަލު ކުރަން ފެށިނަމަވެސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިގޮތައް އަމަލު ކުރަމުން އަންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ.


