ށ. ފޭދޫގައި އަނބިމީހާގެ ބަނޑަށް ވަޅި ހެރި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަނބިމީހާއަށް ތޫނު އެއްޗަކުން ހަމަލާ ދިން ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 21:20 ހާއިރު ކަމަށެވެ. މި މައްސަލައިގައި އުމުރުން 37 އަހަރުގެ ފިރިހެން މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހާދިސާގައި އަނިޔާ ލިބިފައިވަނީ އުމުރުން 31 އަހަރުގެ އަންހެނަކަށެވެ. އޭނާއަށް މިހާރު އަންނަނީ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ. ފޭދޫ ސިއްހީ މަރުކަޒުން ބުނީ އަންހެން މީހާގެ ބަނޑަށް ވަޅި ހެރި ނަމަވެސް ސީރިއަސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.


