ހއ އަތޮޅު ތައުލީމީ މަރުކަޒާއި ގދ. ތިނަދޫގައި ހުންނަ އަބޫބަކުރު ސްކޫލާއި އަދި ލ. ގަމުގައި ހުންނަ އިހައްދޫ ސްކޫލް (ލ.ގަން) ސްކޫލްތަކުގައި “އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް” (އައިއީއެސް) ޔުނިޓުތަކެއް ގާއިމް ކުރުމަށް އިންޑިއާ އިން 4.6 މިލިއަން ރުފިޔާގެ ހިލޭ އެހީ ހަމަޖައްސައި ދީފިއެވެ.
އެކަން ހަމަޖައްސައި ދިނުމަށްޓަކައި ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް އިއްޔެ ބާއްވައިފައެވެ.
މި ތަންތަނަށް ހަތަރު ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އެގޮތުން އިންސާނީ ވަސީލަތާއި ބޭނުންވާ އިންފްރާސްޓްރަކްޗާ އާރާސްތުކޮށް ތަރައްގީ ކުރުމާއި ބޭނުންވާ ތަކެތި ހޯދުމާއި އުނގަންނައިދިނުމާއި ކިޔަވައި ދިނުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ކަމަށް އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.
މުޅި ތައުލީމީ ނިޒާމުގައި އިކުއިޓީ އާއި އެކްސެސިބިލިޓީގެ ބައިތައް ގެނެސްދޭ މި މަޝްރޫއަށް އެއްބާރުލުން ދިނުމަކީ އިންޑިއާއަށް ލިބޭ ފަހުރެއް ކަމަށް ވެސް އެ ކޮމިޝަނުން ހާމަކުރެއެވެ.
ތައުލީމީ ތަރައްގީއަށް އެހީތެރިވެދޭ އަދި ކުޑަކުދިންގެ ދިރިއުޅުމަށް ކޮލިޓޭޓިވް ބަދަލެއް ގެނައުމަށް އެހީތެރިވެދޭ މަޝްރޫއުތަކަކީ، އިންޑިޔާ އިން ރާއްޖެއަށް ވެދޭ ތަރައްގީގެ އެހީގެ މައިގަނޑު ދާއިރާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. މީގެ ތެރޭގައި ފެހެންދޫ-ގޮއިދޫ ސްޓޫޑެންޓް ފެރީ ހަދިޔާކުރުމާއި، ރާއްޖޭގެ 67 ރަށެއްގައި ކުޑަކުދިންގެ ޕާކު ގާއިމްކުރުމަށް ބޭނުންވާ ސާމާނު ހަދިޔާކުރުމާއި، “ފިޔަވަތި – ހޯމް ފޯ ވަލްނަރަބަލް ޗިލްޑްރަންސް” މަރާމާތުކުރުމާއި، ފުވައްމުލަކާއި ކުޅުދުއްފުށީގައި އީއެސް ސަޕޯޓް ޔުނިޓްތައް ހަރުދަނާ ކުރުމާއި، ޅޮހި އަދި ކިނޮޅަހު ސްކޫލްގައި ކްލާސްރޫމްތައް އެޅުމުގެ މަސައްކަތް އިންޑިއާ ހައި ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
އިންޑިއާގެ 260 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި 45 އަށްވުރެ ގިނަ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ހިންގަމުން އަންނަ ކަމަށާއި މީގެ ތެރެއިން ގާތްގަނޑަކަށް 20 ވަރަކަށް މަޝްރޫއު ނިންމާ އިފްތިތާހު ކޮށްފައިވާ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.


